ދުނިޔެއަށް އަބަދުވެސް މި ފެންނަނީ އެންމެ ހަނދެކެވެ. ނަމަވެސް މި މަހުގެ 29 ގައި ދުނިޔެއަށް ދެ ހަނދު ފެންނާން ހުންނާނެ ކަމަށް ޖައްވާ ބެހޭ ސައިންސްވެރިން އެބަ ބުނެއެވެ. މިއީ ”މިނީ މޫން“އެކެވެ.

މީގެ ކުރިން ވެސް މިފަދަ ”ކުދި ހަނދުތައް“ ދުނިޔޭގެ ވަށައިގެން ދައުރު ކޮށްފައިވެއެވެ.

ދެވަނަ ހަނދުގެ ގޮތުގައި ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހު ދުނިޔެއަށް ފެންނާން ހުންނާނީ ”2024 ޕީޓީ5“ ނަމަކަށް ކިޔާ އެސްޓްރޮއިޑެކެވެ.

މި އެސްޓްރޮއިޑް، ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހާ ހަމައަށް ކުޑަ ހަނދެއްގެ ގޮތުގައި ހަރަކާތްތެރިވުމަށް ފަހުގައި އިރުގެ ވަށައިގެން ދަތުރު ކުރަން ފަށާނެއެވެ.

ޚަބަރުތައް ބުނާގޮތުން، މިއީ 35 ފޫޓު ދިގު މިނުގެ އެސްޓްރޮއިޑެކެވެ. އެއީ ސްކޫލް ބަހެއްގެ ސައިޒެވެ. މި ހަނދު ދުނިޔެއަށް ފެންނަން ހުންނާނީ އެންމެ 57 ދުވަހަށެވެ.

ދެވަނަ ހަނދޭ ކިޔަސް، މިއީ ”ސުޕަރ މިނީ“ ހަނދަކަށް ވުމާއިއެކު، ހާއްސަ އާލާތެއް ބޭނުންކޮށްގެން ނަގާ ފޮޓޯއަކުން ނޫންގޮތަކަށް މި ހަނދު ފެނުމުގެ ފުރުސަތެއް ނެތެވެ.