ރާއްޖޭގައި ކުުށްކުރުން ގިނަވެ އާންމު ރައްޔިތުން ބިރުވެރިކަމަކަށް ހުށަހެޅިފައިވާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފިއެެވެ.

މިމައްސަލަ ހުށަހެޅުއްވީ އިދިކޮޅު ޕީއެންސީގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އޭނާ ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވަނީ ރާއްޖޭގައި ކުށްކުރުން އިތުރުވެފައިވަނީ ދައުލަތުގެ އިދާރާތަކަށް ގާނޫނު ތަންފީޒު ނުކުރެވޭތީ ކަމަށެވެ.

އެކަމާ ގުޅިގެން ގޮތް ނޭނގޭ މަރުތަކާއި މަސްތުވާތަކެތީގެ ވިޔަފާރި އާއި މާރަމާރީތަކާއި ޖިންސީ ގޯނާކުރުން ރާއްޖޭގައި އިތުރުވެފައިވާ ކަމަށްވެސް ތުހުމަތުކޮށްފައިވެއެވެ. ކުށްވެރިން މިނިވަންކަމާ އެކު މުޖުތަމައުގައި އުޅެން ފުރުސަތު ލިބިފައިވާތީ ރާއްޖޭގެ ރަށްތައް ހަލާކުގެ ތެރެއަށް ވެއްޓެމުންދާ ކަމަށްވެސް އޭނާ ހުށަހެޅުއްވި މައްސަލައިގައި ވެއެވެ.

މައްސަލަ މަޖިލީހަށް ބަލައިގަތުމާ މެދު މެންބަރުންނަށް ފެނިވަޑައިގަންނަވާ ގޮތަކަށް ވޯޓު ދެއްވުމަށް ރިޔާސަތުން ހުޅުވާލުމުން 25 މެމްބަރުން ވަނީ މައްސަލަ ބަލައިގަތުމަށް ދެކޮޅަށް ވޯޓް ދެއްވާފައެވެ. ބަލައިގަތުމަށް ވޯޓު ދެއްވީ ހަތް މެމްބަރުންނެވެ.