ރާއްޖޭގެ މޫސުން ގޯސްވެ، ހއ. އަތޮޅުން ފ އަތޮޅަށް ވައިޓް އެލާޓް ނެރެފިއެވެ.

މެޓުން މި އެލާޓް ނެރުނީ، ރާއްޖޭގެ އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކުގެ މޫސުން ރަނގަޅު ކަމަށް ލަފާނުކުރެވޭތީއެވެ.

މެޓް އޮފީހުން ނެރުނު ހުދު ސަމާލުގައި މޫސުން ގޯސްވެ، ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ.

އަދި ކަނޑުތައް ގަދަވާނެ ކަަމަށް ލަފާ ކުރެވޭ ކަމަށް ބުނެފައިވެއެވެ.

މެޓުން ވަނީ މިރޭ 7:00 އާ ހަމައަށް ވައިޓް އެލާޓް ނެރެފައެވެ.

މޫސުން ކުރިއަށް ލަފާކޮށް މެޓް އޮފީހުން ބުނީ ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަަމަށެވެ.

އެގޮތުން ދެކުނުގެ އަތޮޅުތަކަށް 8 މޭލާ 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި މެދު ރާއްޖެތެރެއާއި އުުތުރުގެ އަތޮޅުތަަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަަމަށްވެސް މެޓުން ވަނީ ލަފާކޮށްފައެވެ.

މެޓުން ބުނީ ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަަމަށާއި މެދު ރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކުގެ ކަނޑުތައް ގަދަވާނެ ކަމަށެވެ.

އަދި ދެކުނުގެ ކަނޑުތައް އާދައިގެ ވަަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް އެ އޮފީހުން ވަނީ ބުނެފައެވެ.