ހުޅުމާލޭގެ މަގުތައް ޒީނަތްތެރި ކުރުމަށް، ހުޅުމާލޭގެ 17 ސަރަހައްދެއްގައި ބަހައްޓާ މޮނިއުމަންޓްތައް ޑިޒައިންކުރުމުގެ ފުރުސަތު، ދިވެހި އާޓިސްޓުންނާއި، ޑިޒައިނަރުން އަދި އާކިޓެކްޓުންނަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުވާލައިފިއެވެ.
މި މުބާރާތުގެ މަގްސަދަކީ، ދިވެހި ފަންނުވެރިންގެ ބައިވެރިވުމާއެކު، ”ދިވެހިންގެރާއްޖެ“ ތީމްއާ ގުޅޭ ގޮތަށް، ރާއްޖޭގެ ސަގާފަތާއި، އިސްލާމީ ތާރީހު އަދި ދިވެހިންގެ އާދަކާދަ ރަމްޒުކޮށްދޭ ބިނާތަކެއް ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ބެހެއްޓުން ކަމަށް އެޗްޑީސީން ބުނެއެވެ.
އެގޮތުން، ޕްރޮފެޝަނަލް އާޓިސްޓުންނާއި، ޑިޒައިނަރުން އަދި އާކިޓެކްޓުންގެ އިތުރުން އެ ދާއިރާތަކުން ތައުލީމު ހާސިލްކުރަމުންދާ ދަރިވަރުންނަށް ބައިވެރިވެވޭ ގޮތަށް ބާއްވާ މި މުބާރާތުގައި ވަކިވަކި ފަރުދުންނަށް ނުވަތަ 5 މީހުންގެ ގްރޫޕަކުންވެސް ޑިޒައިންތައް ހުށަހެޅިދާނެ ކަމަށް އެޗްޑީސީން ބުނެއެވެ.
އަދި ޑިޒައިން ހުށަހަޅާ ފަރާތަކީ 18 އަހަރު ފުރިފައިވާ ފަރާތަކަށް ވާންވާނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.
އެ ކޯޕަރޭޝަނަށް ލިބޭ ހުށަހެޅުންތަކުގެ ތެރެއިން، އެންމެ ފުރިހަމަ ޑިޒައިން ހުށަހަޅާ ފަރާތަކަށް އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހަމަޖެހިފައި ކަމަށް އެޗްޑީސީން ބުނެއެވެ.
މި މުބާރާތުގައި ބައިވެރިވުމަށް ޑިޒައިން ހުށަހެޅުމުގެ ސުންގަޑިއަކީ އޮކްޓޯބަރު 30، 2024 ގެ 15:00އެވެ.
ޑިޒައިންތައް ހުށަހަޅާނީ އީމެއިލް މެދުވެރިކޮށް، marketing@hdc.mv އަށެވެ.
މުބާރާތާ ގުޅޭ އިތުރު މައުލޫމާތު އެ ކޯޕަރޭޝަންގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް އެޗްޑީސީން ބުނެއެވެ.
އަދި އީމެއިލް މެދުވެރިކޮށް ވެސް އިތުރު މައުލޫމާތު ސާފުކުރެވޭނެއެވެ.
އެ ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތް ކުރަނީ، ހުޅުމާލެއަކީ ރައްކާތެރި އަދި ހިތްފަސޭހަ ތަނަކަށް ހެދުމާއެކު ހުޅުމާލޭ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށް، ލުއިފަސޭހަ ގޮތްތައް މަގުފަހިކޮށްދިނުމަށް ކަމަށް އެޗްޑީސީން ބުނެއެވެ.

