އެކުވެރި ދައުލަތްތަކުގެ ސަލާމަތީ މަޖިލީހުގެ ދާއިމީ މެންބަރުންނަށް ލިބިފައިވާ ވީޓޯކުރުމުގެ ބާރު އުވާލައި، އދ.ގެ ސަލާމަތީ މަޖިލީހުގެ އޮނިގަނޑަށް މުހިންމު އިސްލާހުތަކެއް ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.

އެމަނިކުފާނު މިކަމަށް ގޮވާލެއްވީ އެކުވެރި ދައުލަތްތަކުގެ ސަލާމަތީ މަޖިލީހުގައި ދެއްވި ތާރީހީ  ބަޔާނުގައެވެ.

އދ.ގެ މެންބަރު ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ހޭދަކޮށްފައިވާ 59 އަހަރު ދުވަހުގެ ތެރޭގައި، އެ ޖަމްޢިއްޔާގެ ސަލާމަތީ މަޖިލީހުގައި ދިވެހި ރައީސަކު ބަޔާނެއް އިއްވެވި މިއީ ފުރަތަމަ ފަހަރެވެ.

ދުނިޔޭގެ ސުލްޙަ ބެލެހެއްޓުމުގައި އދ.ގެ ސަލާމަތީ މަޖިލީހަށް ޙަވާލުކުރެވިފައިވާ ބުރަ ޒިންމާގެ މަތިން ހަނދުމަފުޅުކޮށްއަރުވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، އެ މަޖިލީހުގެ ނާޤާބިލުކަމުގެ ސަބަބުން، އދ.ގެ ނިޒާމަށް ދުނިޔެއިންކުރާ އިތުބާރު ގެއްލެމުންދާކަން ފާހަގަކުރައްވާފައެވެ. ސަލާމަތީ މަޖިލީހަށް އޮތް އިތުބާރު ގެއްލެމުންދަނީ، ހަމަހަމަކަމާއެކު ތަމްސީލުކުރުމާއި، ޖަވާބުދާރީވުމާއި، ދެފުށްފެންނަ ގޮތަށް މަސައްކަތްކުރަން ނުކުޅެދިފައިވާތީކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީީސް ސަލާމަތީ މަޖިލީހުގައި ދެއްވި ބަޔާނުގައި، ލިޔެކިޔުންތަކުގެ މައްޗަށް ބިނާކޮށްގެން ކުރާ މަޝްވަރާގެ އަލީގައި ސަލާމަތީ މަޖިލީހަށް އިސްލާޙު ގެނައުމަށް ވަނީ އިންޓަރގަވަމެންޓަލް ޕްރޮސެސް އެއް ހުށަހަޅުއްވާފައެވެ.

މިގޮތުން ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ސަލާމަތީ މަޖިލީހުގައި ހާއްސަ ޖާގައެއް ދިނުމަށް ދިވެހިރާއްޖެއިން ކުރާ އިލްތިމާސް އެމަނިކުފާނު ތަކުރާރުކުރެއްވިއެވެ.

ޣައްޒާގައި ހިންގަމުންދާ ހަމަނުޖެހުންތަކަށް އިޝާރާތްކުރައްވާ ރައީސް ވިދާޅުވީ، ސަލާމަތީ މަޖިލީހަށް ފެންނަ ފަށުގައި ނަސްލުނައްތާލުމުގެ ޢަމަލުތައް ނިއުޅެމުންދާއިރުވެސް، ބައިނަލްއަޤުވާމީ ގާނޫނު ނެގެހެއްޓުމުގައި އެ މަޖިލިސް ނުކުޅެދިފައިވާކަމަށެވެ.

ފަލަސްތީނުގެ ނަސްލު ނައްތާލުމަށް އިސްރާއީލުން ހިންގާ ގަތުލުއާންމު ހުއްޓުވުމަށް ސަލާމަތީ މަޖިލީހަށް ލިބިފައިވާ ބާރު ކަނޑުވާލަނީ ވީޓޯގެ ބާރުންކަމަށާއި، އަދަބެއް ނުދެވި، އަނިޔާވެރި އިސްތިޢުމާރު ދެމެހެއްޓުމަށް އިސްރާއީލަށް ފުރުސަތު ފަހިކޮށްދެނީވެސް ވީޓޯގެ ބާރުންކަމަށް، އެމަނިކުފާނު ވިދާޅުވިއެވެ.

މި މައްސަލަ ޙައްލުކުރުމަށް ރައީސް ހުށަހެޅުއްވީ، ހިނދުން ހިނދަށް ހައްލު ހޯދައިދެވޭނެ ނިޒާމެއްގެ ތެރެއިން، މުޅި ބައިނަލްއަޤުވާމީ މުޖުތަމަޢުން އީޖާދީ ހައްލު ހުށަހެޅޭނޭ އޮނިގަނޑެއް ބިނާކުރުމަށެވެ.

“އެ ބަޔަކަށް ހިދުމަތް ކުރުމަށް އަޅުގަނޑުމެން އިންތިހާބުކުރި ރައްޔިތުންގެ އިތުބާރު އަނބުރާ ހޯދުމަށްޓަކައި، އެ ރައްޔިތުންނަށް އަޅުގަނޑުމެން އިތުބާރުކުރަމާ ހިންގަވާ“ ރައީސުލްޖުމްހޫރިއްޔާ އިލްތިމާސްކުރެއްވިއެވެ.