ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ޓީމިނަލް ޑިސެމްބަރު މަހު ހުޅުވާލެވޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ފައިސަލް މިހެން ވިދާޅުވީ، ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ހާއްސަ މެސެޖެއްގައެވެ.
މިނިސްޓަރު ވިދާޅުވީ މި ވަގުތު ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީއަށް ބޭނުންވެފައިވާ އެންމެ މުހިންމު އެއްކަމަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ޓާމިނަލް ހުޅުވި އޮޕަރޭޝަން ފެށިގެން ދިޔުން ކަމަށެވެ.
”އަޅުގަނޑުމެން އުއްމީދު ކުރަނީ މި އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައި ޓާމިނަލް ހުޅުވާލެވޭނެ ކަމަށް.“ ފައިސަލް ވިދާޅުވިއެވެ.
އެއާއެކު 7.5 މިލިއަން ފަތުރުވެރިންނަށް އެއް ފަހަރާ އެއާޕޯޓުން ކޭޓާ ކުރެވޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އާ ޓާމިނަލް ހުޅުވިގެން ދިޔުމުން، އާ އެއާލައިންތަކުން ރާއްޖެއަށް ދަތުރުތައް ފަށާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
އެމްއެމްޕީއާރްސީއާއި ގުޅިގެން ލޯ ސީޒަންގައި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން އިތުރުކުރުމަށް ހާއްސަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

