ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ނިއުޔޯކްގައި ހުންނަ ގޫގުލްގެ އޮފީހަށް ޒިޔާރަތްކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ގޫގުލް އޮފީހަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް މަރުޙަބާ ވިދާޅުވީ ގޫގުލް ޕަބްލިކް ސެކްޓަރގެ ސީ.އީ.އޯ، ކެރެން ދޭހަތްއެވެ.

‎ގޫގުލް އޮފީސް ބައްލަވާލެއްވުމަށްފަހު ރައީސް ވަނީ ގޫގުލްގެ ޓީމާ ބައްދަލުކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި، އާންމު ހިދުމަތްތައް ފޯރުކޮށްދިނުމުގައި އާޓިފިޝަލް އިންޓަލިޖެންސް ބޭނުންކުރުމާއި ޑިޖިޓަލް ލިޓަރަސީ އަދި މޫސުމަށް އަންނަ ބަދަލުތަކަށް ވިލުންތެރިކަން އިތުރުކުރުމުގައި ޑޭޓާގެ މައްޗަށް ބިނާވެފައިވާ ޙައްލުތައް ހޯދުންފަދަ ދާއިރާތަކުގައި ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

‎ރައީސުލްޖުމްހޫރިއްޔާ ނިއުޔޯކަށް ވަޑައިގެންނެވީ އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށެވެ.