ފަލަސްޠީނުގެ ޣައްޒާ އާއި ލުބްނާނަށް ދެމުން ގެންދާ ހަމަލާތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމަށް ޔަހޫދީންގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފިއެވެ.
އދގެ އާއްމު މަޖިލީހުގައި ނަތަންޔާހޫ ތަގުރީރު އިއްވަން ފެށުމާއެކު، ދިވެހިރާއްޖެ ހިމެނޭހެން، އަރަބި ގިނަ ގައުމުތަކެއްގެ ޑިޕްލޮމެޓުން ވަނީ، ހޯލު ދޫކޮށް ގޮސްފައެވެ.
ނަތަންޔާހޫ ބުނީ، މިހާރު ކުރަމުންދާ ހަނގުރާމަ، އިޒްރޭލަށް ކާމިޔާބު ވަންދެން ހަނގުރާމަ ކުރާނެ ކަމަށާއި، އޭނާގެ ”ގައުމު ހަނގުރާމަ ކުރަމުންދާއިރު“ މި އަހަރުގެ އދގެ އާއްމު މަޖިލީހުގައި ބައިވެރިވާން ފުރަތަމަ ބޭނުންވެސް ނުވި ކަމަށެވެ.
ނަމަވެސް ޔަހޫދީންނޭ ކިޔައިގެން، އދގެ އާއްމު މަޖިލީހުހައި ވާހަކަ ދެއްކެވި ބައެއް ބޭފުޅުން ހަގީގަތާ ހިލާފު ވާހަކަ ދެއްކުމުން ކަންކަން ސާފުކޮށްދޭން ބޭނުންވީ ކަމަށް އޭނާ ބުންޏެވެ.
ޔަހޫދީން ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކުގައި ފަލަސްޠީނުގެ 41000 މީހުން ޝަހީދުކޮށްލައި، 96000 މީހުން ޒަހަމް ވެސް ކޮށްލައިފިއެވެ.
ޔަހޫދީން ޝަހީދުކޮށްލި ގިނަ މީހުންގެ ތެރޭގައި ހިމެނެނީ އަންހެނުންނާއި ކުޑަކުދީންނެވެ. އޭގެތެރޭގައި އުމުރުން އެންމެ ދެ އަހަރުން ދަށުގެ 1300 ކުޑަކުދިން ވެސް ހިމެނެއެވެ.
ެއދގެ އާއްމު މަޖިލީހުގައި ނަތަންޔާހޫ ބުނީ، ހަމާސްއަށް ބާރު ލިބިފައިވާ ހިނދަކު އިރު އިރުކޮޅުން އިޒްރޭލަށް ހަމަލާތައް ދެމުންދާނެތީ، ހަމާސްގެ ބާރު ކަނޑުވާލަން ޔަހޫދީން ބޭނުންވާ ކަމަށެވެ.
”މި ހަނގުރާމަ ނިންމައިލެވޭނެ. އެކަމަށް އޮތް ގޮތަކީ ހަމާސްއިން އަމާންދީ، ހުރިހާ ރަހީނުން ދޫކޮށްލުން.“ އޭނާ ބުންޏެވެ.
ނަތަންޔާހޫ އިތުރަށް ބުނީ ޔަހޫދީން ހަމާސްގެ 90 އިންސައްތަ ރޮކެޓު ހަލާކުކޮށް، އެމީހުންގެ އަސްކަރިއްޔާގެ ދެބައިކުޅަ އެއްބައި މީހުން މަރާލާފައިވާ ކަމަށެވެ.

