އިޔާދަ ކުރުވަނިވި ހަކަތައިގެ ގުދުރަތީ ވަސީލަތްތައް ހޯދައި، ބޭނުން ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް އެންވަޔަރްމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.
ރ.އުނގޫފާރު އިންޖީނުގެ ފެނަކައާ ހަވާލުކުރުމަށް އިއްޔެ ހަވީރު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަމުން ޝައުނާ ވިދާޅުވީ ދުނިޔޭގެ ތެލުގެ ބާޒާރަށް އަންނަ ނޭދެވޭ ކޮންމެ ބަދަލެއްގެ އަސަރު ރާއްޖޭގެ އިޤްތިޞާދަށް ކުރާ ކަމަށާއި އެގޮތުން ލިބޭ ގެއްލުންތައް ކުޑަކުރުމަށްޓަކައި ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށެވެ.
އެގޮތުން ރާއްޖެއިން ލިބެންހުރި އިއާދަކުރަނިވި ހަކަތައިގެ ޤުދުރަތީ ވަސީލަތްތައް ހޯދައި، އެވަސީލަތްތައް ބޭނުންކުރުމަކީ މުހިއްމު ކަމެއް ކަމަށާއި މިއަމާޒަށް ވާޞިލުވުމަށްޓަކައި ސަރުކާރުގެ ސްޓްރެޓިޖިކް އެކްޝަން ޕްލޭނުގައި މުހިއްމު ސިޔާސަތުތަކެއް ހިމަނާފައިވާ ކަމަށް މިނިސްޓަރުއެވެ.
”އެސިޔާސަތުތައް ޙާޞިލުކުރުމަށްޓަކައި ވަނީ ލަނޑުދަނޑިތަކެއް ކަނޑައަޅާފައި. މިގޮތުން 2023 ވަނަ އަހަރު ނިމޭއިރު، 2018 ވަނަ އަހަރުގެ ނިޔަލަށް އިއާދަކުރަނިވި ހަކަތަ ރާއްޖޭގައި ޤާއިމުކޮށްފައިވާ އިންސައްތައަށް ވުރެ 20 އިންސައްތަ އިތުރަށް އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފެއްދުމަށް ވަނީ ނިންމާފައި.“ ޝައުނާ ވިދާޅުވިއެވެ.
ޝައުނާ ވިދާޅުވީ މިއަމާޒާއެކު، މަސައްކަތްކުރަމުން ދަނީ ރާއްޖެ އަކީ 2030 ގެ ނިޔަލަށް ނެޓް ޒީރޯ ޤައުމަކަށް ހެދުމަށް ކަމަށެވެ.