މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އަށް ސީީއީއޯއެއް ހޯދުމަށް އަނެއްކާވެސް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރައިޓައިޒޭޝަން (ޕީސީބީ) އިން އިއުލާނުކޮށްފިއެވެ.
މިފްކޯއަށް ބޭރުގެ ސީއީއޯއެއް ހޯދުމަށް މިދިޔަ ޖޫން މަހުގެ 26 ވަނަ ދުވަހު ކުރި އިއުލާނު ބާތިލުކުރިކަން އަންގައި ޖުލައި 16 ވަނަ ދުވަހުގެ އެ ބޯޑުން ކުރި އިއުލާނުގައި ބުނެފައި ވަނީ ސީއީއޯގެ މަގާމަށް ބޭފުޅަކު ހޯދުމަށް ހުޅުވާލި ފުރުސަތުގައި، މަގާމަށް ޝަރުތު ހަމަވާ މީހަކު ނުލިބުނު ކަމަށެވެ.
ޕީސީބީން މިއަދު ކުރި އިއުލާނުގައި ބުނީ ސީއީއޯ/އެމްޑީގެ މަގާމަށް ބޭނުން ވަނީ މަސްވެރިކަމުގެ ދާއިރާގެ ހުނަރުވެރި އަދި މަސައްކަތަށް ފަރުވާތެރި މީހަކު ކަމަށެވެ.
މަގާމަށް މީހަކު ހޮވުމުގައި ގާބިލުކަމާއި ތަޖުރިބާއަށް ބަލާނެކަންކަން ވެސް ފާހަގަކުރިއެވެ.
މިފްކޯގެ ސީއީއޯގެ މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން ފާހަގަކޮށްފައިވާ ލިޔެކިޔުންތައް އަންނަ މަހުގެ 08 ވަނަ ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިން ހުށަހެޅުމަށް ވަނީ އެދިފައެވެ.
މިފްކޯގެ ސީއީއޯގެ މަގާމުގައި އެންމެފަހުން ހުންނެވީ އަހްމަދު ސަމާހު ރަޝީދެވެ.

