ދޮގު މައުލޫމާތުގެ މައްޗަށް ބިނާކޮށް ޚަބަރުތައް ނުފެތުރުމަށް ފެނަކައިން އިލްތިމާސްކޮށްފިއެވެ.

އެ ކުންފުނިން މިގޮތަށް އިލްތިމާސްކޮށްފައި މިވަނީ ބޮޑު އަގުގައި ސްޕެއަރތަކެއް އެ ކުންފުންޏަށް ހޯދިކަމަށް ބުނެ ފަތުރަމުންދާ ވާހަކަތައް ދޮގުކޮށް ނެރުނު ބަޔާނުގައެވެ.

އެ ބަޔާނުގައި ވަނީ ސްޕެއަރ ހޯދުމުގެ މަސައްކަތް އޮތީ ކުންފުނީގެ ޕްރޮކިއުމަންޓް ޕޮލިސީގައިވާ ގޮތުގެ މަތިން ޓެންޑަރ ކޮމިޓީ މަރުހަލާގައި ކަމަށެވެ.

އެ ތަކެއްޗަކީ މިހާތަނަށް ކުންފުންޏަށް ގަނެފައިވާ މުދަލެއް ނޫން ކަމަށާއި، އެ މުދަލަށް އެއްވެސް ފައިސާއެއްވެސް ދައްކާފައި ނުވާނެ ކަމަށް އެ ބަޔާނުގައިވެއެވެ.

މީގެއިތުރުން އެ ކުންފުންޏަށް މުދާ ގަންނަނީ ފަންނީ މުވައްޒަފުންނަށް ފުރިހަމަ ބާރު ލިބޭ ގޮތަށް އެކުލަވާލެވިފައިވާ އިޖުރާއަތްތަކުގައި ހިމެނޭ ގިނަ މަރުހަލާތަކެއް ފުރިހަމަވެގެންކަން ވެސް ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ.

އަދި އެ ހުރިހާ މަރުހަލާއެއް ފުރިހަމަވެގެން އަންނައިރު، ކުންފުންޏަށް ގަންނަ މުދަލުގެ ކޮލިޓީ އާއި އަގާއި މުއްދަތު ކަނޑައެޅުމުގައި އެ މުދަލެއް ބޭނުންވާ އަސާސީ ހިދުމަތާއި ވަގުތުގެ ހާލަތަށް ރިއާޔަތް ކުރެވޭނެ ކަމަށް ވެސް ބަޔާނުގައިވެއެވެ.

އެ ބަޔާނުގައި ވަނީ ފެނަކައިގެ އާ މެނޭޖްމަންޓް ކުންފުންޏާ ހަވާލުވުމަށްފަހު، ކުރިން ޢަމަލު ކުރަމުން ދިޔަ ޕްރޮކިއުމަންޓް އުސޫލުތަކުގައި ހުރި ބާގަނޑުތަކުން ލިބެމުންދިޔަ ގެއްލުން ހުއްޓުވައި އުސޫލުތައް ހަރުދަނާކޮށްފައިވާ ކަމަށެވެ.

މީގެއިތުރުން އެ ކުންފުންޏަށް ހިދުމަތްދޭ ފަރާތްތަކަކީ ހަރުދަނާ ޓެންޑަރ ޕްރޮސެސްއެއްގެ ތެރެއިން ކުންފުނީގައި ރަޖިސްޓްރީ ކުރެވި، އެއްބަސްވުމެއް ގާއިމުވުމުގެ ކުރިން ކޮމިޓީތަކުގައި އިވެލުއޭޓް ކުރެވޭ ފަރާތްތައް ކަމަށް ވެސް ވަނީ ބުނެފައެވެ.