ޖަޕާނުގެ އާ ބޮޑުވަޒީރު ޝިގެރު އިޝިބާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަރުޙަބާ ވިދާޅުވެއްޖެއެވެ.
ޖަޕާނުގެ ބޮޑުވަޒީރު ކަމުގެ މަގާމު އިޝިބާއަށް ލިބިވަޑައިގެންނެވީ، އެ މަގާމުން ފުމިޔޯ ކިޝިދާ ހުސްވި އޮގަސްޓު މަހު އިސްތިއުފާދެއްވުމާއި ގުޅިގެންނެވެ.
ޖަޕާނުގެ ބޮޑުވަޒީރަށް ރައީސް މުއިއްޒު މަރުޙަބާ ވިދާޅުވީ އެޤައުމުގެ ބޮޑުވަޒީރުގެ މަގާމާ ހަވާލުވެވަޑައިގެންނެވުމުން ތަހުނިޔާ ދަންނަވައި ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ޝިގެރު އިޝިބާގެ ވެރިކަމުގައި ޖަޕާނަށް އިތުރު ތަރައްގީއާއި ކުރިއެރުން ލިބޭނެކަމަށް ޔަގީންކުރައްވާ ކަމަށެވެ.
ބޮޑުވަޒީރުގެ މަގާމު އަދާކުރެއްވުމުގައި ކާމިޔާބީއަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ ޖަޕާނުގެ އާ ސަރުކާރާ ގުޅިގެން ދެ ޤައުމުގެ ޒަމާންވީ ރަހުމަތްތެރިކަމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރައްވަން މަސައްކަތް ކުރައްވާ ކަމަށްވެސް ވިދާޅުވެފައެވެ.