މެކްސިކޯގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރައްވައި އެ ގައުމުގެ ރައީސްކަމާ ހަވާލުވެވަޑައިގެންނެވި ކްލައުޑިއާ ޝެއިންބައުމްއަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވެ.

މެކްސިކޯގެ ރިޔާސަތާ ހަވާލުވެވަޑައިގެންނެވި ފުރަތަމަ އަންހެން ރައީސާއަށް ތަހުނިޔާ ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި އެކަމަނާ އިންތިހާބުގައި ހޯއްދެވި ކާމިޔާބީން ދައްކުވައިދެނީ އެކަމަނާގެ ހިންގުންތެރިކަމާއި އެ ގައުމުގެ މުސްތަގުބަލަށް ގެންގުޅުއްވާ ތަސައްވުރަށް ގައުމުގެ ރައްޔިތުން ކުރާ އިތުބާރުކަން ފާހަގަކުރައްވާފައިވެއެވެ.

ރައީސްގެ މެސެޖުގައި އަންނަ އަހަރަކީ ދިވެހިރާއްޖެއާ މެކްސިކޯއާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކުރިތާ 50 އަހަރު ފުރޭ އަހަރުކަން ފާހަގަކުރައްވައި ދެ ގައުމުގެ ދެމެދުގައި ގުޅުން ގާއިމްކޮށްފައިވާ ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިކުރެވިގެންދާނެކަމަށް އުންމީދުކުރައްވާކަމުގައި ވިދާޅުވެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވަވާފައި ވަނީ މެކްސިކޯގެ އައު ރައީސާއަށާއި އެ ގައުމުގެ ރައްޔިތުންނަށް ހެޔޮއެދުންތައް އަރިސްކުރައްވަމުންނެވެ.