އުމުރުން ދުވަސްވީ މައިންބަފައިންނާއި މާމަ ކާފަމެންނަށް ވަގުތު ހުސްކުރުމަށާއި، އެމީހުންގެ މޫނު މައްޗަށް ހިނިތުންވުން ގެނައުމަށް މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މަރިޔަމް ލަހުފާ ގޮވައިލައްވައިފިއެވެ.
އޭނާ މިހެން ވިދާޅުވީ އުރީދޫ މޯލްޑިވްސްއިން ބައިނަލްއަގުވާމީ އިސްރަށްވެހިންގެ ދުވަސް، އިސްރަށްވެހިންގެ ނާދީއާ ގުޅިގެން ފާހަގަކުރުމަށް އިއްޔެ ބޭއްވި ހަރަކާތުގައި ވާހަކަ ދައްކަވަމުންނެވެ.
ލަހުފާ ވިދާޅުވީ ދޮށީ އުމުރަކީ ކޮންމެ މީހެއްގެ ހަޔާތުގައި ވެސް އަންނާނެ ފޯވައްސެއް ކަމަށެވެ. އެ އުމުރުގައި އަބުރުވެރިކަމާއެކުގައި ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް އާއިލާތަކުގެ އެހީތެރިކަން ބޭނުންވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
”ދިރިއުޅުމުގެ ވައްޓަފާޅިއަށް އައި ބަދަލާ، އަމިއްލަ ދިރިއުޅުމުގައި އަޅުގަނޑުމެން މަޝްއޫލުވެ އުޅެންޖެހޭ ގޮތާއި، ޓެކްނޮލޮޖީއާއި މިހެން ހުރި ކަންކަމާއެކު އަޅުގަނޑުމެންނަށް ދެވޭ ވަގުތު ކުޑަވޭ. އެމީހުންނާ ވާހަކަ ދައްކާލުން، އެކުގައި ވަގުތު ހޭދަކޮށްލުން ފަދަ ކަންކަމަކީ އެހާ މުހިންމު ކަމެއްގެ ގޮތުގައި ނުދެކެވޭ ފަހަރުވެސް އާދޭ. ގަސްދުގައި ނޫން ނަމަވެސް އިހުމާލު ވެވޭ ފަހަރުތައް ވެސް އާދޭ.“ ލަހުފާ ވިދާޅުވިއެވެ.
އެހެންކަމުން، މިއީ އާއިލު ގުޅުންތައް ބަދަހި ކުރުމަށް އަޒުމް ކަނޑައަޅާ ދުވަހަކަށް ހެދުމަށް ލަހުފާ ވަނީ ގޮވައިލައްވައިފައެވެ. އެގޮތުން މައިންބަފައިންނާއި މާމަ ކާފަ މެންނަށް ވަގުތު ހުސްކުރުމަކީ މުހިންމު ކަމެއްކަމަށާއި، އެމީހުންގެ މޫނު މައްޗަށް ހިނިތުންވުން ގެނައުމަށް ކޮންމެވެސް ކަމެއް ކުރަންޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.
ލަހުފާ އިތުރަށް ވިދާޅުވީ، ގައުމު ބިނާ ކުރުމުގައި އިސްވާރުންގެ ގޮތުގައި ތިބީ އިސްރަށްވެހިންނެވެ.

