ރާއްޖޭގެ އިގްތިސާދީ ހާލަތު އޮތް ގޮތުން އިސްލާމީ މަރުކަޒުގައި މަސްފެންގަނޑު ހަދަންކުރި އިއުލާނު ބާތިލުކުރަން އަންގާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
އެހެންނަމަވެސް މިއަދު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ޝަހީމް ވިދާޅުވީ މި ވަގުތު އެ ބާވަތުގެ ކަންކަން ކުރުމަކީ އެންމެ މުނާސަބު ކަމަކަށް ނުވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ފެންގަނޑަކީ މަރުކަޒު ބިނާކުރި އިރުން ފެށިގެން މުންނާރު ތިރީގައި އޮތް ފެންގަނޑެއް ކަމަށާއި އެތަން މަރާމާތުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.
އިއްޔެ ކުރި އިއުލާނުގައި މިނިސްޓްރީން ބުނީ އެ މަސްފެންގަނޑު ހަދަން ބޭނުންވަނީ އިސްލާމީ މަރުކަޒުގެ މުންނާރު ކައިރީގައި ކަމަށާއި އެކަމަށް އެދި ކުރިމަތި ލެވޭނީ ރަޖިސްޓްރީ ކޮށްފައިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ކަމަަށެވެ.
ކުރިން މާލޭގެ ޖަލު ހުރި ތަން ތަޅާލުމަށް ފަހު އިސްލާމީ މަރުކަޒު ބިނާކޮށް ހުޅުވީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައެވެ.

