ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މާލެ ސިޓީގެ މޭޔަރަކަށް ހުންނެވިއިރު އެމަނިކުފާނުގެ އިސްނެންގެވުމުގެ މަތިން ތަރައްގީ ކުރަން ފެށްޓެވި މާލެސިޓީގެ އާސަހަރާ މިސްކިތާއި ހިނަވާގެ ރަސްމީގޮތުން މިއަދު އެމަނިކުފާނު ހުޅުވައިދެއްވައިފިއެވެ.

އާސަހަރާ މިސްކިތާއި ހިނަވާގެ ހުޅުވުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ މިއަދު އެ މިސްކިތުގައެވެ.

އާސަހަރާ މިސްކިތާއި ހިނަވާގެއަކީ މީގެ ކުރިން، ޖާގައިގެ ގޮތުން ދަތި އަދި ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނާއި އަންހެނުންނަށާއި އަދި އާސަހަރާއަށް ޒިޔާރަތްކުރާ ގިނަ ފަރާތްތަކަށްވެސް ބޭނުންކުރެވޭނެ އެކަށީގެންވާ ޖާގަ ނެތްތާ ގިނަ އަހަރުތަކެއް ވެފައިވާ ތަނެކެވެ.

އާސަހަރާ މިސްކިތަށް ޒަމާނީ ބަދަލުތަކެއް ގެނަސް އަލުން ތަރައްގީކޮށްފައި މިވަނީ ދެފަންގިފިލާއަށް ވާގޮތަށެވެ.

ދެ ފަންގިފިލާވެސް އޭސީކޮށްފައިވާއިރު މީހުން މަޑުކޮށްގެން ތިބޭ ސަރަޙައްދު ނުވަތަ ’ވެއިޓިން އޭރިޔާ’ވެސް ވަނީ އޭސީކޮށްފައެވެ.

އަދި ހިނަވާގޭގައިވެސް ވަނީ، ޖާގަ ތަނަވަސް، ހިނެވުމަށް ހާއްސަ ތިން ތަނެއް ތަރައްޤީކޮށްފައެވެ. މީގެއިތުރުން ސިޑިން މައްޗަށް އަރަންދަތި ފަރާތްތަކުން ނަމާދުކުރަން ހާއްސަ ޖާގަ ތިރީ ފަންގިފިލާގައި ހަމަޖައްސައި، ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށާއި ކުދީންނަށް ވަކި ހާއްސަ ފާހާނާއާއި، ދެ ޖިންސުގެ އާންމުންނަށް ވަކި ފާހާނާވެސް މިފަހަރު ތަރައްގީ ކޮށްފައިވެއެވެ.

މީގެއިތުރުން މިސްކިތާއި ހިނަވާގޭގެ ސަރަހައްދުން ބޭރުގައި މަޑުކޮށްލައިގެން ތިބޭއިރު އިށީނދެ ތިބެވޭ ގޮތަށް ގޮނޑިޖަހައި، ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައި، ސަހަރާއަށް ވަންނަ މަގުގެ ޖާގަވެސް ތަނަވަސްކޮށް، މިސްކިތަށް އަންނަ މީހުންގެ ސައިކަލު ޕާކު ކުރާނެ ޕާކިންގ ޒޯން ހަދައި، ޖަމާޢަތްތެރިން މަޑުކޮށްލައިގެން ތިބޭނެ ވަކި ކޮޓަރި ފަދަ ތަނުގެ ބޭނުންކުރާ ފަރާތްތަކަށް ފަސޭހަވާނެ ގިނަ ވަސީލަތްތަކެއް ވަނީ ގާއިމުކޮށްފައެވެ.

މިސްކިތާއި ހިނަވާގެ ހުޅުއްވައިދެއްވުމަށްފަހު، މިއަދު އެ މިސްކިތުގައި އޮތް ހުކުރު ނަމާދުގައި ރައީސް ބައިވެރިވެވަޑައިގަތެވެ.

އަދި ހުކުރު ނަމާދަށްފަހު އެމަނިކުފާނު ވަނީ އާސަހަރާ މިސްކިތުގެ އިތުރުން ހިނަވާގެއާއި މީހުން މަޑުކޮށްލައިގެން ތިބެން ހާއްސަކޮށްފައި އޮތް ސަރަހައްދަށްވެސް ޒިޔާރަތްކުރައްވައި އެތަންތަން ބައްލަވާލައްވައިފައެވެ.

އާސަހަރާ މިސްކިތާއި ހިނަވާގެ އިތުރަށް ތަރައްގީ ކުރުމުގެ މަސައްކަތަކީ މާލެ ސިޓީގެ މޭޔަރުކަމުގައި މީގެކުރީން ރައީސް ހުންނެވިއިރު އާސަހަރާގެ ހިދުމަތް ހޯދާ ރައްޔިތުންނަށް ލުއިފަސޭހަ ހިތްހަމަޖެހޭ ތަނަވަސް މާހައުލެއް ގާއިމުކޮށްދެއްވުމަށް އެމަނިކުފާނު ކުރެެއްވި ތަސައްވުރާއި އެއްގޮތަށް ފެށްޓެވި މުހިންމު މަސައްކަތެކެވެ.