ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އާދިއްތަ ދުވަހު އިންޑިއާއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.

މިއީ އިންޑިއާގެ ރައީސާ ދުރޫޕަތީ މުރުމޫގެ ދަޢުވަތަކަށް، ކުރައްވާ ފުރަމާނަ ދަތުރުފުޅެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވާފައިވާ ގޮތުގައި ރައީސްގެ މިދަތުރުފުޅު ކުރެއްވުމަށް ހަމަޖައްސަވާފައި ވަނީ، މި އޮކްޓޫބަރުމަހުގެ 6 އިން 10އަށެވެ.

މިދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ވަފުދެއްވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއެވެ.

އެ އޮފީހުން ހާމަކުރައްވާފައިވާ ގޮތުގައި، ރައީސް ވަނީ، ތިމާވެށްޓާ ބެހޭ ބައިނަލްއަޤްވާމީ މަހާސިންތާ ”ކޮޕް-28“ ގެ ހަވާސާގައި، 2023 ވަނަ އަހަރު ޑިސެމްބަރުމަހު އިންޑިއާގެ ބޮޑު ވަޒީރާ ބައްދަލުކުރައްވައިފައެވެ.

އަދި މިއަހަރު ޖޫން މަހު 9 ވަނަ ދުވަހު، އިންޑިއާގެ ބޮޑު ވަޒީރާއި އައު ސަރުކާރުގެ ވަޒީރުން ހުވައިކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެ ޤައުމުގެ ރައީސާ ބައްދަލުކުރައްވައިފައެވެ.