ގެދޮރާއި އުމްރާނީ ތަރައްގީގެ ގޮތުން ގައުމު ބިނާކުރާ ފަދައިން، ފިކުރާއި ސިކުނޑީގެ ގޮތުންވެސް ގައުމު ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.
އެމަނިކުފާނު މިކަމަށް ގޮވާލެއްވީ ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި މިއަދު ބޭއްވި ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.
މިއަދަކީ ރާއްޖެ އިސްލާމްވި ދުވަހުގެ އިތުރުން މުދައްރިސުންގެ ދުވަސްކަމުގައި ވާތީ މުދައްރިސުންނާ މުހާތަބުކުރައްވަމުން އެމަނިކުފާނު ވަނީ، އިންސާނިއްޔަތާއި، އަހުލާގާއި، މައުނަވީ ހަރުދަނާކަން އަދުގެ ޖީލުތަކުގައި އަށަގެންނެވުމަށް މުދައްރިސުންގެ އެއްބާރުލުން މުހިންމުވާ މިންވަރުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
އެގޮތުން، ދިވެހި ދަރީންނަކީ ދިވެހި ގައުމިއްޔަތަށް އަހުލުވެރި، ދިވެހީންގެ ހަރުދަނާ، މާތް ސިފަތަކުން ޒީނަތްތެރިވެފައި ތިބި، މަސައްކަތްތެރިކަމާއި، އުފެއްދުންތެރިކަމާއި، މަސްއޫލިއްޔަތު އުފުލުމުގައި ޝައުޤާއި ޤާބިލުކަން ލިބިފައިތިބި ދަރީންތަކަކަށް ހަދައިދިނުމަށް، މުދައްރިސުން އެއްބާރުލުން ދެއްވުމަށް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ.
މިކަމުގައި ޢާންމު ރައްޔިތުންގެ އެއްބާރުލުންވެސް ބޭނުންވާނޭކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، އެ ފަދަ ދަރީންތަކެއް ބިނާކުރުމަށްޓަކައި، އާރާސްތުކުރަންޖެހޭ އަޚުލާޤީ އެތައް ބިނާއެއް އެބަހުރިކަމަށް ވިދާޅުވެފައެވެ. އަދި ކީރިތި ޤުރުއާނުން އެނގޭ ފަދައިން ޙާލަތު ބަދަލުކުރުމަކީ ދިވެހިންގެ އަމިއްލަ މަސްއޫލިއްޔަތެއްކަންވެސް އެމަނިކުފާނު ވަނީ ހަނދުމަކޮށްދެއްވާފައެވެ.
ފިކުރާއި ސިކުނޑީގެ ގޮތުން ގައުމު ބިނާކުރުމުގެ ޝިއާރަކީ ރައީސް ތަކުރާރުކުރައްވަމުން ގެންދަވާ ޝިއާރެކެވެ.
މި އަހަރުގެ ފެބްރުއަރީ މަހު އިއްވެވި ރިޔާސީ ބަޔާނުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ، ދިވެހި ސަރުކާރުގެ ފަލްސަފާއަކީ، ގައުމު އާރާސްތުކޮށް ބިނާކުރާ ފަދައިން، ގައުމުގެ ކޮންމެ ރައްޔިތަކުވެސް ހެޔޮގޮތުގައި ބިނާކޮށްދިނުންކަމުގައި ވިދާޅުވެފައެވެ.

