މާލޭގެ ފިހާރައެއްގެ ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމް ކޮށްލައިފިއެވެ.
މި ހާދިސާ ހިނގާފައިވަނީ ދިލްބަހާރުމަގުގައި ހުންނަ ފިހާރައެއްގެ ތެރޭގައެވެ.
ފުލުހުން ބުނީ މި މައްސަލައިގެ ރިޕޯޓް ރޭ ލިބިފައިވާ ކަމަށާއި ޒަޚަމްވި މީހާއަށް އައިޖިއެމްއެޗްގައި ފަރުވާ ދީފައިވާ ކަމަށެވެ.
ނަމަވެސް ލިބުނު އަނިޔާތަކުގެ ތަފްސީލު ހާމައެއް ނުކުރެއެވެ.
”ދިލް ބަހާރުމަގުގައި ހުރި ފިހާރައެއްގެ ތެރޭގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާކަމަށް ރޭ 22:01 އެހާކަންހާއިރު ރިޕޯޓްކޮށްފައިވޭ. އަނިޔާ ލިބުނު މީހާއަށް އައިޖީއެމްއެޗްގައި ފަރުވާ ދިނުމަށްފަހު ރޭގެ ވަގުތެއްގައި ވަނީ ދޫކޮށްލާފަ.“ ފުލުހުން ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި ފިހާރައަށް ވަދެ މީހަކަށް ތޫނު އެއްޗަކުން ހަމަލާދިނުމުގެ ސަބަބުން ޒަޚަމްވީ ދިވެހި ފިރިހެނެކެވެ.
މި މައްސަލައިގައި އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވެއެވެ. ނަމަވެސް ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

