ހުޅުމާލެ ފޭސް 3 ގެ ކޮންސްޓްރަކްޝަން މަސައްކަތްކުރާ ސައިޓެއްގައި ބަނގުރާ ގެންގުޅެ އޭގެ ވިޔަފާރި ކުރަމުންދިޔަ ދެ ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ އެ މީހުން ހައްޔަރުކޮށްފައިވަނީ ގަވާއިދާ ހިލާފަށް ބަނގުރާ ގެންގުޅެ، ބޭނުންކޮށް، އެތަކެތީގެ ވިޔަފާރިކުރާކަމަށް ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހުޅުމާލެ ފޭސް 3 ގައި ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
އަދި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްގެ ޕަރަން ދާސް (49އ) އަދި އަލް އަމީން (30އ)އެވެ.
ފުލުހުން ބުނީ މި އޮޕަރޭޝަނުގައި އެ ސަރަހައްދު ބަލައި ފާސްކުރިއިރު 324 ދަޅު ބަނގުރާ، 378 ފުޅި ބަނގުރާ އަދި ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި 5 ލީޓަރުގެ 10 ފުޅިއާއި 500 އެމްއެލްގެ ހަތް ފުޅި ފެނިފައިވާ ކަމަށެވެ.
އޮޕަރޭޝަން ހިންގާފައިވަނީ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.

