ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު، ފުރަމާނަ ދަތުރުފުޅެއްގައި މިއަދު މެންދުރުފަހު އިންޑިއާގެ ނިއުދިއްލީއަށް ވަޑައިގެންފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫ އާއި ބޮޑު ވަޒީރު ނަރެންދްރަ މޯދީ، އަދި އެ ގައުމުގެ އިސް ވެރިންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި ބައްދަލުކުރެއްވުންތަކުގައި، ދެ ޤައުމުގެ ދެމެދު އެއްބާރުލުން ގާއިމުކޮށްފައިވާ ދާއިރާތަކުން އިތުރަށް ގުޅުންބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެއެވެ.
ރައީސް އިންޑިއާއަށް ކުރައްވާ މި ފުރަމާނަ ދަތުރުފުޅުގައި އިންޑިއާގެ ވެރިރަށް ނިއުދިއްލީގެ އިތުރުން، މުމްބާއީއަށާއި ބެންގަލޫރަށްވެސް ޒިޔާރަތްކުރެއްވުމަށް ވަނީ ތާވަލުކުރެވިފައެވެ.
ރައީސް ދެކަނބަލުން އިންޑިއާއަށް ކުރައްވާ މި ދަތުރުފުޅަކީ އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
އެމަނިކުފާނުގެ އަރިހުގައި، ސަރުކާރުގެ އިސް ވެރިންގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.
މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވާ ދިވެހި ވަފުދުގެ މެހުމާންދާރީގެ ހުރިހާ ކަމެއް ހަމަޖައްސަވަނީ އިންޑިއާ ސަރުކާރުންނެވެ.

