އިންޑިއާ އަކީ ދިވެހިރާއްޖޭގެ ތަރައްގީ އާއި ވިޔަފާރީގެ މުހިންމު ބައިވެރިއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އިންޑިއާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، ”ޓައިމްސް އޮފް އިންޑިއާ“އަށް ދެއްވި ބަސްދީގަތުމެއްގައެވެ.
އެމަނިކުފާނު ވިދާޅުވީ، އިންޑިއާ އަކީ ރާއްޖޭގެ ވަރަށް ބޮޑު ވިޔަފާރި އާއި ތަރައްގީގެ ބައިވެރިއެއް ކަމަށާއި، އެހެން ގައުމުތަކާ ގުޅުން ބަދަހި ކުރަމުން ދިޔުމަކީ ރާއްޖެއިން އިންޑިއާ ނުވަތަ މި ސަރަހައްދުގެ ގައުމުތަކުގެ ސަލާމަތަށް ނުރައްކާވާ ކަމެއް ކުރާނެ ކަމެއް ނޫން ކަމުގައެވެ.
ރައީސް ވިދާޅުވީ، އިންޑިއާ ސިފައިން ބޭލުމަށް ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުފުޅު ފުއްދަވައިފައިވާއިރު ވެސް، އިންޑިއާއާއެކު ގުޅުން ބަދަހިވަމުން އަންނަ ކަމަށެވެ.
އަދި އެމަނިކުފާނު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ސަބަބުން، މި ގުޅުން އިތުރަށް ބަދަހި ވެގެންދާނެ ކަމަށް ވެސް ރައީީސް މުއިއްޒު ވިދާޅުވިއެވެ.
ރައީީސްގެ އިންޑިއާ ދަތުރުފުޅުގައި، އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަން ޖައިޝަންކަރާ ވެސް ބައްދަލުކުރައްވައިފައިވެއެވެ.
މި ބައްދަލުކުރެއްވުމުގައި ޖައިޝަންކަރު ވަނީ ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮންނަ ގުޅުން ބަދަހިކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވާ މަސައްކަތްޕުޅުތައް ބަލައިގަންނަ ކަމަށް ވިދާޅުވެފައެވެ.
ު

