ރާއްޖޭގައި އިންޑިއާގެ ރުޕޭ ކާޑު ބޭނުން ކުރަން ފެށުމުން، އެ ގައުމާއެކު ފައިސާގެ މުއާމަލާތްތައް ކުރުމަށް އިތުރަށް ލުއި ފަސޭހަ ވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީީސް މުއިއްޒު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި، ވެރިރަށް ނިއުދިއްލީގައި ބޭއްވި ”އިންޑިއާ- މޯލްޑިވްސް ބިޒްނަސް ފޯރަމް“ ގައި މިއަދު ވަނީ ތަގުރީރުކުރައްވައިފައެވެ.
މި ފޯރަމްގައި ރައީސް ކުރެއްވި ތަގުރީރުގައި ދެ ގައުމުގެ ދެމެދުގައިވާ ގުޅުމާއި ކުރިއަށް އޮތްތަނުގައި ގުޅުން ބަދަހިކުރުމަށް ހުރި ފުރުޞަތުތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައި ވެއެވެ.
ދިވެހިރާއްޖޭގެ އިގްތިސާދީ ތަރައްގީގައި އިންޑިއާ އަދާކުރާ މުހިންމު ދައުރު ފާހަގަކުރައްވަމުން ރައީސް ވަނީ، އަމިއްލަ ވިޔަފާރީގެ ދާއިރާތަކުގައި އިންވެސްޓް ކުރުމުގެ މުހިއްންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ.
މި ތަގުރީރުގައި ރައީސް ވަނީ، އިގްތިސާދީ އިސްލާހަށް އެމަނިކުފާނުގެ ސަރުކާރުން ކަނޑައަޅުއްވާފައިވާ އެޖެންޑާވެސް ހާމަކުރައްވާފައެވެ.
އެ އެޖެންޑާގެ އަމާޒުތަކަކީ، ފަތުރުވެރިކަމުގެ އިތުރުން، މާލީ ހިދުމަތްތަކާއި، މެރިޓައިމް ސިނާޢަތާއި، ޑިޖިޓަލް އިގްތިސާދު ފަދަ ދާއިރާތައް ހިމެނޭ ގޮތަށް އިގްތިސާދު ސިންދަފާތުކުރުމެވެ.
ރާއްޖޭގެ މަދަނިއްޔަތަށް އެދެވޭ ބަދަލެއް ގެނައުމުގެ މަގްސަދުގައި ތަރައްގީ ކުރާ އިކޯ ސިޓީ، ރަސްމާލެއަކީވެސް މި އެޖެންޑާގައި ހިމަނޭ މަސައްކަތެކެވެ.
މި ތަގުރީރުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، މިހާރު ފައްޓަވާފައިވާ އިގްތިސާދީ އިސްލާޙީ މަސައްކަތްތަކަށްވެސް އަލިއަޅުއްވާލައްވާފައެވެ.
އޭގެ ތެރޭގައި އައު ފޮރިން އިންވެސްޓްމަންޓް ގާނޫނާއި، 2025 ވަނަ އަހަރު އިފްތިތާހު ކުރުމަށް ހަމަޖެހިފައިވާ މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރުގެ މަސައްކަތް ހިމެނެއެވެ.
އަދި ރާއްޖޭގެ ފުރަތަމަ ޑިވެލޮޕްމަންޓް ބޭންކްގެ މަސައްކަތްވެސް ވަރަށް އަވަހަށް ފެށޭނެކަން އެމަނިކުފާނު އިއުލާންކުރެއްވިއެވެ.
2030 ވަނަ އަހަރު އަންނަން ވާއިރަށް، ރާއްޖޭގެ އުފެއްދުންތެރިކަމުގެ 15 އިންސައްތަ ހިއްސާކުރާނީ ޑިޖިޓަލް އިގްތިސާދުންކަމުގައި ހެއްދެވުމަށްޓަކައި، ޑިޖިޓަލް ދާއިރާ ކުރިއަރައިދިއުން މުހިންމުކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އަދި ރާއްޖޭގައި ”ރުޕޭ“ ކާޑު ބޭނުންކުރެވެން ފެށުމާއެކު، އިންޑިއާ އާއި ރާއްޖެއާ ދެމެދު މާލީ މުއާމަލާތްތައް ކުރުން އިތުރަށް ލުއިފަސޭހަ ވެގެންދާނޭކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، 2028 ވަނަ އަހަރު އަންނައިރު ރާއްޖޭގައި އުފައްދާ ހަކަތައިގެ 33 އިންސައްތަ އަކީ އިޔާދަކުރަނިވި ވަޞީލަތްތަކުން އުފައްދާ ހަކަތައަށް ހެދުމަށް ދިވެހިރާއްޖެއިން ސާބިތުކަމާއެކު މަސައްކަތްކުރަމުންދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

