އިންޑިއާގެ ޔޫނިއަން މިނިސްޓަރ އޮފް ހެލްތު އެންޑް ފެމިލީ ވެލްފެއަރ، މިނިސްޓަރ އޮފް ކެމިކަލްސް އެންޑް ފަރޓިލައިޒަރސް އަދި ބަރަތިޔާ ޖަނަތަ ޕާޓީ (ބީ.ޖޭ.ޕީ)ގެ ޤައުމީ ރައީސް، ޖޭ. ޕީ ނައްޑާ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ އަރިހަށް އިހްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
ރައީސް އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވަނީ، މި ފުރަމާނަ ދަތުރުފުޅުގައި ކުރިއަށްދާ ބިނާކުރަނިވި މަޝްވަރާތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
އަދި މި ބައްދަލުވުމުގައި މިނިސްޓަރ ނައްޑާ ވަނީ، އިންޑިއާ އާއި ރާއްޖެއާ ދެމެދު ބަދަހިވަމުން އަންނަ ގުޅުން ފެނިވަޑައިގަތުމުން އުފާ ކުރައްވާކަމަށް ވިދާޅުވެފައެވެ.
ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަންތައްތަކުގެ ތެރޭގައި، ސިއްހީ ފަރުވާގެ ފެންވަރު ރަނގަޅުކޮށް އެ ހިދުމަތުގައި ކުރުންތެރިކަން އިތުރުކުރުމުގެ ގޮތުން އެކި ދާއިރާތަކުން ހާއްސަ ޑޮކްޓަރުންނާއި ނަރުހުން ތަމްރީންކުރުމާއި، ސިއްހީ ދާއިރާގެ ބިނާރު ތަރައްގީ ކުރުމާއި، ޑިޖިޓަލައިޒްކުރުން ހިމެނެއެވެ.
ބީ.ޖޭ.ޕީގެ ޤައުމީ ރައީސްގެ ހައިސިއްޔަތުން ސިއްހީ ވަޒީރު ނައްޑާ ވަނީ، މަތީ ފަންތީގައި ފަންނީ މަޢުލޫމާތު ބަދަލުކުރުމަށް، ދިވެހިރާއްޖޭގެ ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީ އަށް ދައުވަތު އަރުވާފައެވެ.

