އ.އ އަތޮޅުގައި ނުރައްކާތެރިކޮށް ލޯންޗު ދުއްވި ތިން މީހެއްގެ ކަނޑުއުޅަނދު ދުއްވުމުގެ ލައިސެންސް ހިފަހައްޓާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
ފުލުހުން ބުނީ މިމައްސަލާގައި ތިން މީހުންގެ ލައިސެންސް ވަގުތީ ގޮތުން ހިފަހައްޓާފައިވަނީ މި މަހުގެ ފަސް ވަނަ ދުވަހު ކަމަށެވެ.
އެ މައްސަލައާ ގުޅޭ ލިޔެކިޔުންތައް ޓްރާންސްޕޯޓް މިނިސްޓްރީއަށް މިހާރު ފޮނުވާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ލޯންޗްގެ ކައްޕިން ޖޫރިމަނާ ކޮށްފައިވާ ކަމަށް މިއަދު ޓްރާންސްޕޯޓް މިނިސްޓްރީން ބުނިއިރު، ޖޫރިމަނާ ކުރި އަދަދެއް އެ މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ.
ފުލުހުން މިމައްސަލަ ތަހުގީގު ކުރަން ފަށާފައިވަނީ ރަށެއްގެ ފަޅުތެރެއަށް ނުރައްކާތެރިގޮތަކަށް ދެލޯންޗެއް ދުއްވާފައި ވަންނަ ވީޑިއޯއެއް މީސްމީޑީއާގައި ދައުރުވާން ފެށުމާއެކުއެވެ.
ފުލުހުން ވަނީ މީސް މީޑިއާގައި ދައުރުވާ ވީޑިއޯއިން ފެންނަ ލޯންޗުތަކަކީ މިދިޔަ އޮގަސްޓް މަހުގެ 13 ވަނަ ދުވަހު އއ.އަތޮޅަށް ދަތުރު ކުރި ލޯންޗުތަކެއް ކަމަށް ބުނެފައެވެ.

