ދިވެހިރާއްޖޭގެ މުސްތަގުބަލަށް ބޭނުންވާ ދެމެހެއްޓެނިވި އަދި ޑިޖިޓަލް ހައްލުތައް ހޯދުމުގައި ދިވެހިރާއްޖެއާއި އިންޑިއާއިން އެކުގައި މަސައްކަތްކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ރާއްޖެ އަކީ އިންޑިއާގެ އިންވެސްޓްމަންޓްތަކަށް އެންމެ ފުރިހަމަ އެއް މަންޒިލް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވާހަކަފުޅުދައްކަވައިފިއެވެ.

ރައީސް މިހެން ވިދާޅުވީ، މިއަދު ބެންގަލޫރުގައި ބޭއްވެވި އިންޑިއާ-މޯލްޑިވްސް ބިޒްނަސް ފޯރަމުގައި ތަޤުރީރުކުރައްވަމުންނެވެ. މި ފޯރަމް ކުރިއަށްގެންދިޔައީ، އެމަނިކުފާނު މިވަގުތު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ހަވާސާގައެވެ.

އެ ފޯރަމުގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވަނީ، ”ރުޕޭ“ ކާޑު ރާއްޖޭގައި ބޭނުންކުރަން ފެށުންފަދަ ޑިޖިޓަލް މާލީ ޚިދުމަތްތައް ތަޢާރަފުކުރުމުގެ މައްޗަށާއި، މޫސުމަށް އަންނަ ބަދަލުތަކާ ގުޅުންހުރި މަސައްކަތްތަކާއި، މަލްޓިލެޓަރަލިޒަމްގެ އުސޫލުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

އަދި މޯލްޑިވްސް ކްރިއޭޓިވް އިކޮނޯމިކް ސްޓްރެޓަޖީ އިފްތިތާޙުކޮށްގެން، ޑިޖިޓަލް އިޤްތިޞާދު ފުޅާކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އަމާޒަކީ ފަންނިއްޔާތުން ބާރުދޭ ދާއިރާތަކާއި ފަންނާއި މީޑިއާ ދިރުވައިއާލާކުރުންކަމަށް، އެމަނިކުފާނު ވިދާޅުވިއެވެ.

ޓެކް ކުންފުނިތަކާއި، ތައުލީމީ މުވައްސަސާތަކާއެކު ގުޅުން ބަދަހިކުރުމަކީ، އައިސީޓީ ދާއިރާގައި ބެންގަލޫރަށް ލިބިފައިވާ ފަންނީ މުއްސަނދިކަމުން ރާއްޖެއަށް ފައިދާ ކުރަނިވި ކަމެއްކަން ފާހަގަކުރައްވައި، އަދި އެއީ ފަންނިއްޔާތު ވިލުންތެރިކުރެވިދާނެ ގޮތްތަކެއް ކަމަށް، ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

ދިވެހިރާއްޖެ އާއި އިންޑިއާ އަކީ ޖޯގްރަފީ ގޮތުން އެއްގޮތް، ޘަޤާފީ ކަންތައްތައް ހިއްސާކުރާ، ވިޔަފާރީގެ ފަހި ވެއްޓެއް އޮތް، އަދި އިޤްތިޞާދީ ގުޅުންތައް ޤާއިމުކުރެވިފައިވާ ދެ ޤައުމަށް ވީ ހިނދު، ދިވެހިރާއްޖެއަކީ އިންޑިއާގެ އިންވެސްޓްމަންޓްތަކަށް އެންމެ ފުރިހަމަ އެއް މަންޒިލްކަމުގައި ރައީސުލްޖުމްހޫރިއްޔާ ސިފަކުރެއްވިއެވެ.

 

އަދި ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ މުހިންމުކަމާއި، އިޔާދަކުރަނިވި ހަކަތަ ބޭނުންކުރުމަށް ކުރާ މަސައްކަތުގައި ދިވެހިރާއްޖެ ގެންގުޅޭ ސާބިތުކަމާއި، މޫސުމަށް އަންނަ ބަދަލުތަކަށް ވިލުންތެރިކަން އިތުރުކުރުމަށް ކުރާ މަސައްކަތްތައް ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ.

އަދި މި ދާއިރާތަކުން ހުރި އިންވެސްޓްމަންޓް ފުރުޞަތުތައް އިތުރަށް ދިރާސާކުރުމަށް، ރައީސުލްޖުމްހޫރިއްޔާ އިންޑިއާގެ އިންވެސްޓަރުންނަށް ދަޢުވަތު އެރުވިއެވެ.

މީގެ އިތުރުން، އެ މަނިކުފާނު އިންޑިއާއަށް ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ކާމިޔާބީ ކަށަވަރުކޮށްދެއްވީތީ އިންޑިއާގެ ސަރުކާރާއި، އިންޑިއާގެ ވިޔަފާރިވެރިންގެ ޖަމާޢަތަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރުއަދާކުރެއްވިއެވެ.