ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ކޭބަލްތަކެއް ވަގަށް ނަގާފައިވާ ކަމަށާއި އެސަރަހައްދުގެ މަގުތައް ނުދިއްލެނީ އެ ސަބަބާހުރެ ކަމަށް ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ފަޒުލް މިގޮތަށް ވިދާޅުވެފައިވާއިރު، ހުޅުމާލޭ ދެވަނަ ފިޔަވަހީގެ މަގުތައް އަނދިރިކޮށް އޮންނާތީ ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ހުސެން ޝަރީފް ވަނީ ހިތްހަމަނުޖެހުންފާޅު ކުރައްވައިފައެވެ.

މެންބަރު ޝަރީފް ވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ މަގުތައް އަނިދިރިކޮށް އޮންނާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށް މީހަކު އޭނާއަށް ފޮނުވި މެސެޖެއް ހިއްސާ ކުރައްވައިފައެވެ.

އެ މެސެޖުގައި ވަނީ ހުޅުމާލޭ ފޭސް ދޭއްގެ މަގުތައް އަލިކުރުމަށް އެޗްޑީސީން ކުރަމުން އަންނަ މަސައްކަތްތައް ސާފުކޮށްދޭން އެދިފައެވެ.

އެކަމާ ގުޅިގެން ހުސެއިން ވަނީ އެޗްޑީސީން ކުރި ކަމެއް ސާފުކޮށްދިނުމަށް އެދިވަޑައިގެންފައެވެ.

އެއާއެކު އެމްޑީ ފަޒުލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ މަގުބައްތިތައް ދިއްލުމަށް ބޭނުންވާ ކަރަންޓު ވިއުގަ އޮގަސްޓު މަހުގެ ނިޔަލަށް ނިމިފައިވާކަން ފާހަގަކުރައްވާފައެވެ.

ނަމަވެސް، މަގު ބައްތިތަކަށް އަޅާފައިވާ ކޭބަތައް ގެއްލިފައިވާ ކަމަށާއި ވިނަރެސް އޭރިއާގެ މަގު ބައްތިތައް ދިއްލުމަށް ބޭނުންވާ ތަކެތި ހޯދަން އޯޑަރު ދީފައިވާ ކަމަށް ވެސް ފަޒުލް ވިދާޅުވިއެވެ.

އަދި ހުޅުމާލެ ތަރައްގީ ކުރުމުގެ މަސައްކަތް ހުއްޓުމެެއްނެތި ކުރިއަށްދާ ކަމަށާއި ކުރަން ހުރި މަސައްކަތްތާއި ނުކުރެވި ހުރި މަސައްކަތްތައް ހުންނާނެ ކަން ގަބޫލު ކުރަންވާނެ ކަމަށް ދެކޭ ކަމަށް ފަޒުލް ވިދާޅުވެފައިވެއެވެ.