ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން އަވަށްޓެރި އިންޑިއާއާ ގުޅުން ބަދަހި ކުރަމުންދާތީ، ސަރުކާރުގެ ހާރިޖީ ސިޔާސަތު ބަދަލުވެއްޖެ ކަމަށް ބުނެ ފާޑުކިޔާ ފަރާތްތަކަށް އެމަނިކުފާނު މެސެޖެއް ދެއްވައިފިއެވެ.
އިންޑިއާ ސަރުކާރުގެ ދައުވަތަކަށް އެ ގައުމަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ރައީސް މުއިއްޒު މިއަދު ވަނީ ބެންގަލޫރަށް ވަޑައިގެންފައެވެ.
ބެންގަލޫރުގައި ދިރިއުޅޭ ދިވެހީންނާ ބައްދަލުކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުން ދަމަހައްޓަމުން އަންނަނީ ރިޔާސީ ކެމްޕެއިނުގައި މެނިފެސްޓޯގައި ލިޔުނު ހާރިޖީ ސިޔާސަތު ކަމަށާއި، އެ ސިޔާސަތުގައި ވާނީ ދިވެހީންނަށް އިސްކަން ދިނުން ކަމަށެވެ.
އެއީ ދިވެހީންނަށް ފައިދާ ވާނެ ގޮތަށް އަމަލު ކުރުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް މުއިއްޒުގެ މެނިފެސްޓޯގައި ވަނީ މިނިވަންކަމާ އިސްތިގްލާލަށް ބުރޫ ނާރާނެ ގޮތަށް، ހުރިހާ ގައުމުތަކާއެކުގައި ވެސް ރާއްޖެއިން ގާތް ގުޅުން ބާއްވާނެ ކަމަށެވެ. އަދި މިނިވަންކަމުގެ ރަތްރޮނގު ހުރަސް ކުރުމުގެ ފުރުސަތު އެއްވެސް ގައުމަކަށް ނުދެއްވާނެ ކަމަށް ވެސް އެމަނިކުފާނު ކުރިން ވެސް ވިދާޅުވެފައިވެއެވެ.
”އެއީ ދިވެހި ރައްޔިތުން އިސްކުރުމުގެ ސިޔާސަތު. ދިވެހި ގައުމު އިސްކުރުމުގެ ސިޔާސަތު. އަޅުގަނޑު އެ ރޭ ދެންނެވިން، ދިވެހި ރައްޔިތުންނަށް، ދިވެހި ގައުމަށް ފަހިވާ ގޮތަށް، ކަންކަން ހަމަޖެހިގެންދާ ގޮތަށް، ނޫނީ ރައްޔިތުންގެ ކަންކަމަށް، ކަންކަން ފަހި ކުރެވޭ ގޮތަށް އަޅުގަނޑުމެންނަށް އެހީތެރިކަންދޭ ހުރިހާ ގައުމަކާއެކު ގާތް ގުޅުން ބާއްވާނަމޭ.“ ބެންގަލޫރުގައި އުޅޭ ދިވެހީންނާ ބައްދަލުކުރައްވައި، ރައީީީސް މުއިއްޒު ރިޔާސީ ކެމްޕެއިންގައި ދެއްކެވި ވާހަކަފުޅުތައް ހަނދުމަކޮށްދެއްވައި ވިދާޅުވިއެވެ.

ުރައީީީީސް މުއިއްޒު ވަނީ ގައުމުތަކާއެކު ގުޅުން ބަދަހި ކުރުމުގެ ތެރެއިން، ރާއްޖޭގެ މިނިވަންކަމާއި، ސިޔާދަތާއި، އިސްތިގުލާލު ހިމާޔަތް ކުރެވޭނެކަން އަބަދުމެ ކަށަވަރު ކުރާނެކަމުގެ ޔަގީންކަން ދެއްވާފައިވާނެ ކަމަށް ވެސް ވިދާޅުވެފައެވެ.
”އެއީ ސިޔާސަތަކީ، އެ ސިޔާސަތުގެ މަތިން، އެ ދުވަހުން ފެށިގެން، މިއަދާ ހަމައަށް ވެސް، އަދި ކުރިއަށް އޮތްތާނގައި ވެސް އަޅުގަނޑު މަސައްކަތް ކުރާނީ.“ ރައީީސް ވިދާޅުވިއެވެ.

ރައީީސް ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރުން ރާއްޖޭގެ މިނިވަންކަމާ އިސްތިގުލާލު ހިމާޔަތް ކުރާނެކަމާމެދު އެއްވެސް ރައްޔިތަކު ޝައްކު ނުކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ރައީީސް މުއިއްޒުގެ އެންމެ މުހިންމު އެއް ރިޔާސީ ވައުދުފުޅަކީ ރާއްޖޭގައި ތިބި ބޭރުގެ ސިފައިން ބޭލުމެވެ. އެ ވައުދުފުޅު ފުއްދަވައިފައިވާއިރު، މި ސަރުކާރުން ރާއްޖޭގެ މިނިވަންކަމަށް ބުރޫ އަރާނެ ފަދަ އެއްބަސްވުމެއްގައި ސޮއި ނުކުރާނެކަމުގެ ޔަގީންކަން ސަރުކާރުން ވަނީ ދެއްވައިފައެވެ.

