ޣައްސާން ދެއްވީ މިނިވަންކަމަށް އުނިކަމެއް އަންނާނެ ކަމެއް ސަރުކާރުން ނުކުރާނެ ކަމުގެ ޔަގީންކަން
ރާއްޖޭގެ މިނިވަންކަމަށް ބުރޫ އަރާނެފަދަ އެއްވެސް ކަމެއް މި ސަރުކާރުން ކޮށްފައިނުވާނެ ކަމަށް ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ރައީސް މުހައްމަދު މުއިއްޒު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅާ ގުޅޭ ގޮތުން މީޑިއާތަކަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ޣައްސާން ވިދާޅުވީ ރާއްޖޭގެ މިނިވަންކަމަށް ބުރޫ އަރާނެފަދަ އެއްވެސް ކަމެއް ރައީސް ނުކުރައްވާ ކަމަށާއި، ދިވެހިންގެ ފުރިހަމަ ސިޔާދަތީ ބާރު ގެއްލޭފަދަ ނުވަތަ ނުރައްކާވާ ފަދަ ކަމެއް ހިމެނޭ އެއްވެސް އެއްބަސްވުމެއްގައި ރައީސް ސޮއި ނުކުރައްވާކަމަށެވެ.

އަޑި އެއްބަސްވުންތަކުގައި އެއްވެސް ސިއްރެއް ނުވާނެ ކަމުގެ ޔަގީންކަން ވެސް ޣައްސާާން ދެއްވިއެވެ.

ޣައްސާން ވިދާޅުވީ ދިވެހި އަސްކަރިއްޔާގެ ގާބިލުކަން އިތުރުކުރުމުގެ މަސައްކަތް ރައީސް މުއިއްޒު ކުރައްވަމުން ގެންދަވާ ކަމަށެވެ.

އިންޑިއާ ސިފައިން ވެސް ފޮނުވާލެވިފައިވާކަން ފާހަގަކުރައްވައި ޣައްސާން ވިދާޅުވީ މިވަގުތު ރާއްޖޭގައި ތިބީ އިންޑިއާގެ ސިވިލިއަނުން ކަމަށެވެ.

އެމީހުން ވެސް ތިބޭނީ ދެ ގައުމުގެ ދެމެދުގައި ބަދަލުކުރެވިފައި ލެޓާ އޮފް އެކްޗޭންޖުގައިވާ މުއްދަތަށް ކަމަށް ޣައްސާން ވިދާޅުވިއެވެ.