ސޯޝަލް މިނިސްޓްރީން ހިންގާ ”ހާލު ކިހިނެއް؟“ ޕްރޮގްރާމާ ގުޅޭގޮތުން އޮންލައިން ނޫހެއްގައި ހަގީގަތާ ހިލާފު ވާހަކަތަކެއް ޝާއިއު ކުރުމުން އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ލަހުފާ ހަލީލު ކަންބޮޑުވުން ފާޅު ކުރައްވައި، ޒިންމާދާރުކަމާއެކު ނޫޫސްވެރިކަން ކުރުމަށް ގޮވައިލައްވައިފިއެވެ.
ލަހުފާ މިހެން ވިދާޅުވީ ރައްޔިތުންގެ ހާލު ބެލުމަށް ކުރިއަށް ގެންދާ ޕްރޮގްރާމުގައި ސިޔާސީ ފަރާތްތައް ބައިވެރިވެ، މިނިސްޓްރީގެ ފަރާތުންދާ ބޭފުޅުން ނުފުއްދޭ ވައުދުތައްވާ ކަމަށް ބުނެ ”ދައުރު“ ނޫހުގައި ޝާއިއ ކުރި ޚަބަރަަކާ ގުޅިގެން ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އޭނާ ވިދާޅުވީ ”ދައުރު“ ނޫހުން ލިޔެފައިވާ ޚަބަރަކީ އެއްވެސް ހަގީގަތެއް ނެތް ޔޯލަ ވާހަކަތަކެއް ކަމަށާއި އެކަމާ ގުޅޭގޮތުން މައުލޫމާތެއް ހޯދާލުމަށް، ނުވަތަ މީހަކު ބުނި ވާހަކައެއް ޔަގީންކޮށްލަން ވެސް އެ ނޫހުން އެ ޕްރޮގްރާމު ހިންގުމާއި ހަވާލުވެ ހުންނެވި ލަހުފާއަށް ގުޅުއްވާފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
”ސިޔާސީ ވިޔަސް، ނުވިޔަސް ސަރުކާރުން ކުރަން އޮތް ކަމަކީ ރައްޔިތުންނަށް ހިދުމަތް ދިނުން. އެކަން ކުރެވޭނީ ރައްޔިތުންގެ ގާތަށް ގޮސް ހާލުބަލައި އޮޅުން ފިލުވައިގެން. ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ވިސްނުންފުޅަކީ އެއީ. ރައްޔިތުންގެ ގާތަށް ދާން ޖެހެނީ ހަމައެކަނި ވޯޓު ހޯދަން ނޫންކަން. ރައްޔިތުންނާއި ގުޅުންހުރި ސިޔާސަތުތައް އެކުލަވާލުމުގަޔާއި، އިޖްތިމާއީ މައްސަލަތައް ހައްލުކުރުމުގައި އާއިލާތަކުގެ ހާލަތު ދެނެގަތުން، ވަރަށް މުހިންމު.“ ލަހުފާ ވިދާޅުވިއެވެ.
ލަހުފާ ވިދާޅުވީ ރައީސްގެ ވިސްނުންފުޅަކީ، ކޮންމެ ގޭބީސީއަކަށް ޒިޔާރަތްކޮށް، އެގޭގެ ހާލަތު ވަޒަންކޮށް، އެންމެ ބޮޑަށް އެހީތެރިކަން ބޭނުންވެފައި ތިބި ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާއި، ދައުލަތުގެ ރައްކާތެރިކަމުގެ ވިއުގައިން ހަވާސާވެފައި ހަމަ އެކަކުވެސް ނުހުންނާނެކަން ކަށަވަރުކުރުން ކަމަށެވެ.
”މިކަން ކުރަމުން ދަނީ ސިޔާސީ މީހުންކަމަށާއި، މިއީ ތަމްރީނެއް ތަޖުރިބާއެއް ނެތި ގޮސް ބޮޑެތި ވައުދުތައް ވެފައި އަންނަ ބައެއްކަމަށް ސިފަކޮށް ދައުރު ނޫހުގައި ލިޔެފައި އޮތް ވާހަކައާއި ގުޅޭގޮތުން ދަންނަވަން. އެ ވާހަކައަކީ ކަނޑައެޅިގެން ދޮގެއް. އޭގައި އެއްވެސް މިންވަރެއްގެ ހަގީގަތެއް ބަލައި ނުލައި، ނުވަތަ މައުލޫމާތު ސާފުކުރުމަށް ކުޑަމިންވަރެއްގެ ވެސް މަސައްކަތެއް ނުކޮށް ހަމައެކަނި މީހަކު ބުނި ބުނުމެއްގެ މައްޗަށް ލިޔެފައިވާ ވާހަކައެއް.“ ލަހުފާ ވިދާޅުވިއެވެ.
މިނިސްޓްރީގެ ސޯޝަލް މީޑިއާ ހޭންޑަލްތައް ފަހަތަށް ޖެހިލައި ބަލާލި ނަމަވެސް، މި ޕްރޮގްރާމު ފަށައިގަތުމަށް ވީ ތައްޔާރީތަކުގެ ތެރޭގައި މިކަމުގައި ޝާމިލުވާ ފަރާތްތައް ތަމްރީނު ކުރެވިފައިވާކަން އަދި ތަމްރީނު ފުރިހަމަކުރި ފަރާތްތަކަށް ސެޓްފިކެޓް ދެވިފައިވާކަން ފެންނަން އޮންނާނެ ކަމަށް ލަހުފާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މެއި މަހުގެ 30 ވަނަ ދުވަހުން ފެށިގެން މި ޕްރޮގްރާމު މާލެ އާއި އަތޮޅުތެރޭގައި ކުރިއަށް ގެންދާއިރު، މިހާތަނަށް 5000 އާ ގާތްކުރާ އަދަދަކަށް ގޭބީސީތަކަށް ވަނީ ޒިޔާރަތްކުރެވިފައިވާ ކަމަށާއި، މިއީ ކުޑަ ޓީމަކުން ކުރަމުން އަންނަ ބުރަ އަދި އަގުނުކުރެވޭ މަސައްކަތެއް ކަމަށެވެ.
ހަމަ އެއާއެކު މި ޕްރޮގްރާމުގެ ތެރެއިން ދެނެގަނެވޭ ނާޒުކު ހާލަތްތަކުގައި ތިބި އާއިލާތަކުގެ ހާލަތު ރަނގަޅުކުރުމަށް އިދާރާތަކާއި ގުޅިގެން ކާމިޔާބު ގިނަ މަސައްކަތްތަކެއް މިހާތަނަށް ވެސް ވަނީ ހާސިލްކުރެވިފައި ކަމަށް އޭނާ ވިދާޅުވިއެވެ.
”އޭގެ ތެރޭގައި؛ ފަގީރު ހާލަތްތަކުގައި އުޅޭ އާއިލާތަކަށް މަހުން މަހަށް ކެއާ ޕެކޭޖް ފޯރުކޮށްދިނުމާއި، ޑޮކްޓަރަށް ދައްކަން ދަތި ފަރާތްތަކަށް އެކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމާއި، ރާއްޖެއިން ލިބެން ނުހުންނަ ބޭސް ހޯދުމުގައި އެހީތެރިކަން ފޯރުކޮށްދިނުމާއި، ދައުލަތުގެ ސޯޝަލް ޕްރޮޓެކްޝަން ނިޒާމުގެ ތެރެއިން މާލީ އެހީތެރިކަން ލިބެން ޖެހޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، އަދި ވެސް އާއިލާތަކުގެ މާލީ ހާލަތު ރަނގަޅުކުރުމަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމުގެ އިތުރުން ހިޔާ ސަރަހއްދުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ދިރިއުޅޭ ގެތަކުގައި، އެ ފަރާތްތައް ގެންގުޅުމަށް ފަސޭހަވާނެހެން ފާހާނައަށް ވަދެނޭހެން ދޮރު ހެދުމާއި، މި ނޫންވެސް މަރާމާތުގެ ގިނަ މަސައްކަތްތައް (އެޗްޑީސީ އާއި ގުޅިގެން) ކުރިއަށް ގެންދިއުމާއި، ނަފްސާނީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އޮންލައިން ކައުންސެލިން (މަމްސް އެއިޑް އަދި ހެލްތް މިނިސްޓްރީއާ ގުޅިގެން) ފޯރުކޮށްދިނުން ފަދަ އެތައް މަސައްކަތެއް މި ޕްރޮގްރާމުގެ ތެރެއިން މިހާރު ވެސް ދަނީ ކުރެވެމުން.“
އެހެންކަމުން، މި ޕްރޮގްރާމާއި ގުޅޭގޮތުން ދައުރު ނޫހުގައި ލިޔެފައިވާ ވާހަކަތަކީ ސޯޝަލް މިނިސްޓްރީން ދެމުން އަންނަ ހިދުމަތަކާއި މެދު ރައްޔިތުންގެ ހިތުގައި ނުތަނަވަސްކަން އުފައްދައި، މިނިސްޓްރީއާއި މެދު އޮންނަ އިތުބާރު ގެއްލުވާލުމަށް، އެއްވެސް ހަގީގަތެއް ނެތި ފަތުރާފައިވާ ފިތުނަވެރި ކަމަށް ލަހުފާ ވިދާޅުވިއެވެ.
ލަހުފާ ވަނީ މިފަދަ ކަންކަން ކުރެއްވުމުގެ ބަދަލުގައި ޒިންމާދާރު ކަމާއެކު ނޫސްވެރިކަން ކުރެއްވުމަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ.

