ސިނަމާލެ ބްރިޖު މަތިން ދަތުރު ކުރާއިރު، ސަމާލުވާން ފުލުހުން އިލްތިމާސް ކޮށްފިއެވެ.

ފުލުހުންގެ މިކަމަށް އިލްތިމާސްކޮށްފައި މިވަނީ ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވެ ގަދަ ވަޔާއެކު ވިއްސާރަ ކުރަމުންދާތީ ބްރިޖު ބޭނުންކުރާ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައެވެ.

ފުލުހުން ބުނީ މި ދުވަސްވަރަކީ ވައިގަދަ ވިއްސާރަ ދުވަސްވަރަކަށް ވުމާއެކު ސިނަމާލެ ބްރިޖު އަދި ހައިވޭއިން ދަތުރުކުރާއިރު ތިމާއާއި އަނެކުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބަލައިގެން އުޅަނދު ދުއްވުމަށް އިލްތިމާސްކުރާ ކަމަށެވެ.

އަދި ސައިކަލު ދުއްވާއިރު ކުޑަނަގައިގެން ނުދުއްވުމަށާއި ފަސޭހައިން ހަލާކުވެ ވަޔާދާ ފަދަ ކޯޓު ބޭނުންނުކުރުމަށާއި އަދި ހެލްމެޓު ވެސް ވަޔާ ނުދާނޭހެން ރަނގަޅަށް އެޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

މީގެއިތުރުން އުޅަނދުގެ ލައިޓުތައް ދިއްލޭތޯ ބަލައި ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރައްވައިގެން އުޅަނދު ދުއްވުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.