މާލޭގެ މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބެންދެން އެކަމަށް ވަގުތީ ހައްލެއްގެ ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން ފެށި މަޝްރޫއުގެ ނަތީޖާ ފެންނާން ފަށައިފިއެވެ.

މާލޭގައި އެންމެ ބޮޑަށް ފެންބޮޑުވާ އައިޖީއެމްއެޗް ސަރަހައްދުގައި އިންފްރާސްޓްރަކްޗަރ މިނިސްޓްރީން ބެހެއްޓި ޑްރެއިން ސިސްޓަމް މިއަދު ވަނީ ބޭނުންކުރަން ފަށައިފައެވެ.

މިހާރު ކުރަމުން އަންނަ ވިއްސާރައިގައި މާލޭގެ ގިނަ މަގުތަކެއްގައި ފެންބޮޑުވިޔަސް، އެ ސަރަހައްދުގައި ފެންބޮޑުވެފައެއް ނުވެއެވެ.

‏މި މަޝްރޫއުއާ ގުޅޭގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ކޮންސްޓްރަކްޝަން މިނިސްޓަރު މުއްތަލިބު ވިދާޅުވީ މިއީ މާލޭގެ ހުޅަނގު ސަރަހައްދު، އަދި ވަކިން ހާއްސަކޮށް ވެސްޓް ޕާކާއި، އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް ހިމެނޭ ސަރަހައްދުގައި ފެން ބޮޑުވެ އާންމު ދިރިއުޅުމަށް ދަތިވެ، ބައެއް ގެތަކަށް ގެއްލުން ލިބޭތީ މާލޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދެންދެން ވަގުތީ ގޮތުން އެކަން ހައްލު ކުރުމަށް ރައީސް މުއިއްޒުގެ އެންގެވުމާ ގުޅިގެން މިނިސްޓްރީ އޮފް ޑިފެންސް އިސްވެ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރގެ ބައިވެރިވުމާއެކު އާރުޑީސީ އާ ހަވާލުކުރެވިގެން ފެށި މަސައްކަތެއް ކަމަށެވެ.

މި މަޝްރޫއު ފެށުނީ މި އަހަރުގެ މެއި މަހުގައިކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. މިއީ މެއި މަހުގެ 09 ވަނަ ދުވަހު ފެށި ޕްރޮޖެކްޓެކެވެ.

”މިހާތަނަށް މި މަޝްރޫއުން ނިމިފައިވަނީ ބައެކެވެ. މި ކުރެވޭ މަސައްކަތުން ފެންބޮޑުވާ މައްސަލައަށް އެއްކޮށް ހައްލު ނުލިބުނު ނަމަވެސް މާލޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދެންދެން ރައްޔިތުންނަށް ފޯރާ ދަތިތައް ކުޑަކުރެވި ޕަންޕު ބޭނުންކޮށްގެން ފެން ހިންދުމަށް ފަސޭހަވެގެންދާނެއެވެ.“ މިނިސްޓަރު އެކްސްގައި ވިދާޅުވިއެވެ.

މީގެ އިތުރުން މާލޭގެ އެކި ސަރަހައްދުތަކުގައި ބެހެއްޓިފައިވާ ސްޓޯމްވޯޓަރ މެނޭޖްމަންޓް ސިސްޓަމް މެއިންޓެއިންކޮށް ބަލަހައްޓަނީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރއިންކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މާލޭގައި ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރުމަށާއި މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް މި ސަރުކާރުން ވަނީ ނިންމަވާފައެވެ.

އެގޮތުން ޗައިނާ ސަރުކާރުގެ އެހީތެރިކަމާއެކު ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫއު ހިމެނޭހެން، މާލޭގެ މަގުތައް ތާރުއަޅައިގެން ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށަން ވަނީ ނިންމަވައިފައެވެ.

ރާއްޖެއަށް މިހާރު ކުރަމުން އަންނަ ހުޅަނގު މޫސުމުގެ ވިއްސާރައިގައި، ކުރިއަށް އޮތް ދެ ދުވަހު ވެސް، ބޯކޮށް ވާރޭ ވެހި، ކަނޑުތައް ވެސް ގަދަ ވާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ ބުނެފައެވެ.