މުދަލު ޒަކާތުގެ ގޮތުގައި މި އަހަރުގެ ޖެނުއަރީން ސެޕްޓެމްބަރު މަހުގެ ނިޔަލަށް 82 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާންމުކޮށްފައިވާ ތަފާސް ހިސާބުން ހާމަވެއްޖެއެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ މީރާގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ސެޕްޓެމްބަރު މަހު މުދަލުގެ ޒަކާތުގެ ގޮތުގައި 8.7 މިލިއަން ރުފިޔާ ލިބުނެވެ.

އެއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާ އަޅާބަލާއިރު ތިންގުނަ އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ޒަކާތުގެ ގޮތުގައި ލިބުނީ އެންމެ 2.8 މިލިއަން ރުފިޔާއެވެ.

މިއަހަރުގެ ޖެނުއަރީން ސެޕްޓެމްބަރު މަހުގެ ނިޔަލަށް މުދަލުގެ ޒަކާތުގެ ގޮތުގައި ލިބިފައިވާ 82 މިލިއަން ރުފިޔާއަކީ މިދިޔަ އަހަރުގެ އެ މުއްދަތުގެ ތެރޭގައި ލިބުނު 70 މިލިއަން ރުފިޔާއަށްވުރެ 17.8 ޕަސެންޓް އިތުރު އަދަދެއް ކަމަށް ވެސް ތަފާސް ހިސާބުތަކުން ދައްކައެވެ.

މުދަލުގެ ޒަކާތް ނެރުން ވާޖިބުވާ ނިސާބު ކަނޑައެޅުމުގައި ރާއްޖޭގައި ބަލަނީ ރަންރިހީގެ އަގުންނެވެ.

އެގޮތުން އެ މީހެއްގެ މިލްކިއްޔާތުގައި ނިސާބު ހަމަވާ އަދަދަށް އަތުގައި ނުވަތަ ބޭންކުގައި ފައިސާ ހުރިނަމަ ހިޖުރީގޮތުން އަހަރެއްވުމުން އޭގެ 2.5 އިންސައްތަ މުދަލު ޒަކާތުގެ ގޮތުގައި ނެރުން ވާޖިބުވާނެއެވެ.

މުދަލު ޒަކާތް ކުރިން ދައްކަނީ އިސްލާމިކް މިނިސްޓްރީ އަށެވެ.

ނަމަވެސް 2016 ވަނަ އަހަރުން ފެށިގެން މުދަލު ޒަކާތް ބަލައިގަތުން ވަނީ މީރާ އަށް ބަދަލުކޮށްފައެވެ.