ފަތުރުވެރިންގެ އަތުން ނަގާ ގްރީން ޓެކުހާއި، ފަތުރުވެރިކަމުގެ މުދަލާއި ހިދުމަތުން ނަގާ ޓީޖީއެސްޓީ އާއި، އެއާޕޯޓު ޓެކްސް ބޮޑު ކުރަން ސަރުކާރުން ނިންމަވައިފިއެވެ.

މިކަމަށްޓަކައި ސަރުކާރުގެ ފަރާތުން، މުހިންމު 03 ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފައިވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ވަނީ މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހަށް ހުށަހަޅުއްވައިފައެވެ.

މުސްތަފާ ހުށަހެޅުއްވި އިސްލާހުގައި ބުނެފައިވާ ގޮތުގައި މިހާރު %16 ނަގަމުން އަންނަ ޓީޖީއެސްޓީ އަންނަ އަހަރުގެ ޖޫން މަހުން ފެށިގެން %17 އަށް ބޮޑު ކުރުމަށް ވަނީ ނިންމާފައެވެ.

މި ބިލް ހުށަހެޅި މަގުސަދެއް ކަމަށް ބުނެފައިވަނީ ދައުލަތުގެ ފިސްކަލް އަދި ދަރަނީގެ ދެމެހެއްޓެނިވިކަން އިއާދަ ކުރުމަށާއި ބޭރުގެ ފައިސާއިން ލިބޭ އާމްދަނީ އިތުރުކުރުމެވެ. މި ބަދަލާ އެކު އަންނަ އަހަރު މި ޓެކްސްއިން ލިބޭ އާމްދަނީ 201.9 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާ ކުރެއެވެ.

ދިވެހި ރާއްޖޭގެ ޓޫރިޒަމާ ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުސްތަފާ ހުސައިން ހުށަހެޅި އިސްލާހުގައި ހުށަހަޅާފައިވަނީ މިހާރު ޓޫރިސްޓެއްގެ ބޮލަކަށް ދުވާލަކަށް ހަ ޑޮލަރު ގްރީން ޓެކްސްގެ ގޮތުގައި ނަގަމުން އަންނަ ތަންތަނުން އަންނަ އަހަރުން ފެށިގެން 12 ޑޮލަރު ނެގުމަށެވެ. އަދި، މިހާރު ތިން ޑޮލަރު ނަގަމުން އަންނަ ތަންތަނުން އަންނަ އަހަރުން ފެށިގެން ހަ ޑޮލަރު ނެގުމަށެވެ.

މި ބަދަލާ އެކު އަންނަ އަހަރު އެ ޓެކްސްގެ ގޮތުގައި ދައުލަތަށް 963.6 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ.

މި ބަދަލަށް އަމަލުކުރަން ފަށާނީ އަންނަ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ.

މީގެއިތުރުން ސަރުކާރުން ވަނީ ޑޮލަރުން ނަގަމުން އަންނަ ޑިޕާޗާ ޓެކުހާއި އެއާޕޯޓު ޑިވެލޮޕްމަންޓް ފީ ވެސް ބޮޑު ކުރުމަށް ނިންމާފައެވެ.
ސަރުކާރުގެ ފަރާތުން ގެމަނަފުށީ ދާއިރާގެ މެންބަރު ޝިހާބު ހުށަހެޅުއްވި އެ އިސްލާހުގައިވަނީ އަންނަ ޑިސެމްބަރު މަހުން ފެށިގެން ޑިޕާޗާ ޓެކްސް ބޮޑު ކުރާށެވެ.
އެގޮތުން، އިކޮނޮމީ ކްލާހުން ދަތުރުކުރާ ބިދޭސީންގެ އަތުން މިހާރު ނަގަމުން އަންނަ 30 ޑޮލަރު 50 ޑޮލަރަށް އިތުރު ކުރުމަށް ވަނީ ނިންމާފައެވެ.
އިކޮނޮމީން ދަތުރު ކުރާ ދިވެހީންގެ ފީއަށް އެއްވެސް ބަދަލެއް ގެންނަން ނިންމާފައެއް ނުވެއެވެ. ދިވެހީންގެ އަތުން ނަގާނީ މިހާރުވެސް ނަގަމުން އަންނަ 12 ޑޮލަރުގެ ފީއެކެވެ.

ނަމަވެސް ބިޒްނަސް ކްލާހުން ދަތުރުކުރާ ދިވެހީންނާއި ބިދޭސީންގެ އަތުން މިހާރު ނަގަމުން އަންނަ 60 ޑޮލަރު 120 ޑޮލަރަށް ބޮޑުކުރުމަށް ވަނީ ނިންމާފައެވެ. އަދި ފަސްޓް ކްލާހުން ދަތުރުކުރާ ދިވެހީންނާއި ބިދޭސީންގެ އަތުން މިހާރު ނަގަމުން އަންނަ 90 ޑޮލަރު 240 ޑޮލަރަށް ބޮޑުކުރުމަށް ވަނީ ނިންމާފައެވެ.

ޕްރައިވެޓް ޖެޓުން ދަތުރު ކުރާ ދިވެހީންނާއި ބިދޭސީންގެ ފީގެ ގޮތުގައި މިހާރު ނަގަމުން އަންނަ 120 ޑޮލަރު 480 ޑޮލަރަށް ބޮޑުކުރުމަށް ވެސް ނިންމާފައިވެއެވެ.
މީގެ އިތުރުން، އެއާޕޯޓް ޑިވެލޮޕްމެންޓް ފީ ވެސް ބޮޑުކުރަން ވަނީ ހުށަހަޅައިފައެވެ. އެ ފީ ވެސް ބޮޑުކުރަން ނިންމާފައިވަނީ ޑިޕާޗާ ޓެކްސް ބޮޑުކުރި ރޭޓުންނެވެ.