މޯލްޑިވްސް ޑިވޮލޮޕްމަންޓް ބޭންކް އަށް ރާއްޖޭގެ މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ(އެމްއެމްއޭ)އިން ލައިސެންސް ދީފިއެވެ.
އެ ބޭންކަށް ލައިސެންސް ލިބިފައިވާކަން ހާމަކުރައްވައި، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ރާއްޖޭގެ ފުރަތަމަ ފަހަރަށް އެފަދަ ބޭންކަކަށް ލައިސެންސް ލިބުމަކީ ބޮޑު ފަހުރެއް ކަމަށެވެ.
ސައީދު އިތުރަށް ވިދާޅުވީ އެ ބޭންކަަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި އިއުލާންކުރައްވާފައިވާ އިގުތިސާދީ ތަރައްގީއަށް އެޅުނު ތާރީހީ މޭލުގަލެއް ކަމަށެވެ.
މީގެ ކުރިން ސައީދު ވިދާޅުވެފައިވާ ގޮތުގައި އެ ބޭންކު މެދުވެރިކޮށް ކުރިމަގުގައި ރާއްޖޭގެ ރިސޯޓުތަކާއި ގެސްޓްހައުސްތައް ތަރައްގީކުރަން ބޭރުގެ ބޭންކުތަކާ ގުޅިގެން މާލީ އެހީތެރިކަން ހޯދޭނެ ކަމަށެވެ.
އަދި އޭގެ ސަބަބުން ރިސޯޓުތަކުގެ ދިވެހިންގެ އަތްމައްޗަށް އަންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އެ ބޭންކުގެ ޗެއާޕާސަންއަކީ އަރޫނީ ގޫނަތިލަކައެވެ. އޭނާ އަކީ ބިޒްނަސް އޮރިޖިނޭޝަން ގަވާނަންސް، ކްރެޑިޓް އެސެސްމަންޓް އަދި އަލަށް ވުޖޫދުވަމުން އަންނަ މާކެޓްތަކުގެ ރިސްކް މެނޭޖުކުރުމުގެ ދާއިރާއިން ހާއްސަވެފައިވާ ބައިނަލްއަގްވާމީ ފައިނޭންސިއަލް މާކެޓްގެ ފައިނޭންސިއަލް ސާވިސް ތަޖުރިބާކާރެކެވެ. އަރޫނީ، ލޯ އިން މާސްޓާސް ހާސިލުކުރެއްވީ ހާވަޑް ޔުނިވާސިޓީންނެވެ.
ޑިވެލޮޕްމަންޓް ބޭންކްގެ ސީއީއޯ އަކީ ނޮއެލް ގްރެގާ ޕެޓާސަން-ޖޯންސްއެވެ.
އޭނާ އަކީ ޗީފް އިންވެސްޓްމެންޓް އޮފިސަރެއްގެ ހައިސިއްޔަތުން ސައޫދީ އަރަބިއްޔާގެ ނެޝަނަލް އިންފްރާސްޓްރަކްޗަ ފަންޑު ގާއިމު ކުރުމުގައި މުހިންމު ދައުރެއް އަދާކުރައްވާފައިވާ ބޭފުޅެކެވެ.
އަދި ނޮއެލް އަކީ އިލެކްޓްރިކް ވެހިކަލް އެފްރިކާ ފަންޑުގެ ޗެއާޕަސަންގެ އިތުރުން އިރުދެކުނު އޭޝިއާގައި ކްލީން އެނާޖީ ޕްރޮޖެކްޓްތައް މެނޭޖުކުރައްވައި ގްރީން ފައިނޭންސް އަދި އިންފްރާސްޓްރަކްޗަ ޑިވެލޮޕްމަންޓުގެ ދާއިރާއިން ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ބޭފުޅެކެވެ.
މީގެ އިތުރުން ނޮއެލް އަކީ އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވަސިޓީން މެނޭޖުމަންޓް ސްޓަޑީސްގެ ދާއިރާއިން މާސްޓަ އޮފް ފިލޯސަފީ ހާސިލު ކުރައްވާފައިވާ ބޭފުޅެކެވެ.

