ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ދިވެހިރާއްޖެއަށް އެތެރެ ކުރުން މަނާ ކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

މިކަން ހާމަކުރައްވައި ރައީސް މުއިއްޒު އެކްސްގަައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ރާއްޖެއަށް އެތެރުކުރުން 15 ނޮވެމްބަރ 2024 އިން ފެށިގެން މަނާ ކުރުމަށާއި، ރާއްޖޭގައި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، ރާއްޖޭގައި އިޝްތިހާރު ކުރުމާއި ހިލޭ ބެހުން 15 ޑިސެމްބަރ 2024 އިން ފެށިގެން މަނާކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް އެމަނިކުފާނު އަންގަވާފައިވާ ކަމަށެވެ.

ރައީސް މިފަދަ ނިންމެވުމެއް ނިންމެވިއިރު، ރާއްޖޭގައި ދުންފަތުގެ ބާވަތްތަކާއި ވޭޕް މަނާ ކުރުމަށް ސިއްހީ ދާއިރާގައި މަސައްކަތްކުރާ ޖަމިއްޔާތަކުން ވަނީ ގޮވައިލައިފައެވެ.

ރާއްޖެ އަށް ވޭޕް އެތެރެކުރުން މަނާކޮށްދިނުމަށް އެދި އެންސީޑީ އެލަޔަންސުން ވެސް ރައީސް މުއިއްޒުގެ އަރިހުގައި ވަނީ އެދިފައެވެ.

ދުނިޔޭގައި މިހާރު ވެސް 34 ގައުމެއްގައި ވޭޕް ކުރުން ވަނީ މަނާކޮށްފައެވެ.