ރާއްޖޭގައި ވޭޕްކުރުން މަނާކުރުމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ނިންމެވި ނިންމެވުމަކީ ގައުމު އެކަމަށްޓަކައި ތާއަބަދަށް ޝުކުރުވެރިވާނެ ނިންމެވުމެއްކަމަށް ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު މިއަދު ވަނީ، އަންނަ ނޮވެމްބަރުމަހުގެ 15 ވަނަ ދުވަހުން ފެށިގެން ރާއްޖެއަށް ވޭޕް އެތެރެކުރުން މަނާކުރުމަށް ނިންމަވައިފައެވެ.

އަދި ޑިސެމްބަރުމަހުގެ 15 ވަނަ ދުވަހުން ފެށިގެން، ވޭޕް މަނާކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަންގަވާފައެވެ.

އެމަނިކުފާނުގެ މި ނިންމެވުމަށް އެތައް ބަޔަކު ތައުރީފު ކުރަމުން އަންނައިރު، މިނިސްޓަރު އިހުސާން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ވޭޕް މަނާކުރަން ނިންމެވި ނިންމެވުމަކީ، މި ގައުމު ތާއަބަދަށް ޝުކުރުވެރިވާނެ ގައުމީ ބޮޑު ނިންމެވުމެއް ކަމަށެވެ.

ރައީސް މުއިއްޒު މިފަދަ ނިންމެވުމެއް ނިންމެވިއިރު، ރާއްޖޭގައި ވޭޕާއި ދުންފަތުގެ ބާވަތްތައް މަނާކުރުމަށް ރާއްޖޭގެ ޑޮކްޓަރުންގެ ޖަމުއިއްޔާ، މޯލްޑިވިއަން މެޑިކަލް އެސޯސިއޭޝަނާއި ގައުމީ ކުޅިވަރު ޖަމުއިއްޔާތަކުންވެސް ވެސް ވަނީ ގޮވާލާފައެވެ.