ރާއްޖޭގައި ވޭޕް މަނާ ކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ނިންމެވި ނިންމެވުމަކީ ގައުމުގެ ޒުވާން ޖީލުގެ މުސްތަގްބަލުގެ ދުޅަހެޔޮކަމާއި ގުޅިފައިވާ ހަރުދަނާ މުހިންމު ނިންމެވުމެއް ކަމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް މިފަދައިން ވިދާޅުވީ ވޭޕް ރާއްޖެ އެތެރެ ކުރުމާއި ރާއްޖޭގައި ބޭނުން ކުރުން މަނާ ކުރަން ރައީސް މުއިއްޒު ނިންމެވުމުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެމަނިކުފާނު ވިދާޅުވީ ވޭޕް މަނާ ކުރަން ރައީސް ނިންމެވި ނިންމެވުން ދިވެހި ރައްޔިތުން ބަލައިގަންނަނީ ޝުކުރުވެރި ކަމާއެކު ކަމަށެވެ.

އަދި މިއީ ގައުމުގެ ޒުވާން ޖީލުގެ މުސްތަގްބަލްގެ ދުޅަހެޔޮކަމާއި ގުޅިފައިވާ ހަރުދަނާ މުހިންމު ނިންމެވުމެއް ކަމުގައި ވެސް ވިދާޅުވިއެވެ.

”ރައީސްގެ މި ނިންމެވުން ދިވެހި ރައްޔިތުން ބަލައިގަންނަނީ ޝުކުރުވެރި ކަމާއެކު. ޝުކުރިއްޔާ ރައީސް.“ ނައިބު ރައީސް ވިދާޅުވިއެވެ.

ރައީސް މުއިއްޒު މިއަދު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ވޭޕްކުރަން ބޭނުންކުރާ ތަކެއްޗާއި އޭގެ ވަކިވަކި ބައިތައް ނޮވެމްބަރ މަހުގެ 15 ވަނަ ދުވަހުން ފެށިގެން ރާއްޖެ އެތެރެކުރުން މަނާކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅަން ކަމާ ބެހޭ ފަރާތްތަކަށް އަންގަވާފައިވާ ކަމަށެވެ.

ވޭޕްކުރާ ތަކެތި ބޭނުންކުރުމާއި ގެންގުޅުމާއި އުފެއްދުމާއި ވިއްކުމާއި އިޝްތިހާރުކުރުމާއި ހިލޭ ބެހުން އަންނަ ޑިސެމްބަރު 15 އިން ފެށިގެން މަނާކުރުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރުމަށް ކަމާބެހޭ ފަރާތްތަކަށް އެމަނިކުފާނު ވަނީ އަންގަވައިފައެވެ.