ގއ. މާމެންދޫ/ބީޗްވިލާ ވިފާގް އިބްރާހީމް އަދުނާން، އޭނާ ދިރިއުޅެމުން ދިޔަ މ. ހަސޯވާ ގޭގެ 10 ވަނަ ފަންގިފިލާގެ ބެލްކަނިން ވެއްޓި ނިޔާވެފައިވާ މައްސަލައާއި ގުޅިގެން ދެކެވުނު ވާހަކަތަކަށް ދިވެހި ފުލުހުން މާފަށް އެދިއްޖެއެވެ.

އުމުރުން 25 އަހަރުގެ ވިފާގުގެ މަރާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް ފުލުހުން ވަނީ އާދީއްތަ ދުވަހު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި ވިފާގުއާ ގުޅޭ ޒާތީ ގިނަ މައުލޫމާތު ފުލުހުން އާންމުކުރިއެވެ.

މިކަމާ ގުޅިގެން ފުލުހުން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ އެ މީޑިއާ ބްރީފިންގގައި އެ މައްސަލައިގެ ތަހުގީގަށް ގުޅުންހުރި މަޢުލޫމާތު ދިނުމުގައި މައްސަލައާއި ގުޅުންހުރި ތަފްސީލު މައުލޫމާތުތަކެއް ދިނީ އެމައްސަލައާ ގުޅޭގޮތުން މީޑިއާއަކުން އެކަމުގެ ހަގީގަތް އޮޅޭ ގޮތަށް، ފުލުހުންގެ މުއައްސަސާގެ ތަހުގީގު ކުރިއަށް ގެންގޮސްފައިވާ ގޮތާއި ގުޅޭގޮތުން އަދި ނިޔާވެފައިވާ ފަރާތުގެ އާއިލާގެ ބައެއް ފަރާތްތަކާއިވެސް ގުޅޭގޮތުން ހަގީގަތާ ހިލާފު ވާހަކަތަކެއްވެސް ހިމެނޭގޮތުން ޕްރޮގްރާމެއް ތައްޔާރުކޮށް ބްރޯޑްކާސްޓު ކޮށްފައިވުމުމާއިވެސް އެކުގައި ކަމަށެވެ.

ފުލުހުން ބުނީ އެ މައުލޫމާތުތައް ހިއްސާ ކޮށްފައިވާނީ، ނިޔާވި ކުއްޖާގެ މަންމަ އާއި ބައްޕަ އަދި އާއިލާގެ މެމްބަރުންނަށް ވެސް އެނގިގެން ކަމަށެވެ.

އެ ނޫސްބަޔާނުގައި ފުލުހުން ބުނެފައިވަނީ އެ މީޑިއާ ބްރީފިންގ ކުރިއަށް ގެންދިޔމުގައި ބައެއް ސެންސިޓިވް ވާހަކަތައް އެންމެ ރަނގަޅު ނޫންގޮތުގައި ގެނެސްދެވުނުކަން ފުލުހުންގެ ފަރާތުން ގަބޫލުކޮށް، އެކަމަށް އެންމެހާ ފަރާތްތަކުގެ ކިބައިން ނިހާޔަތަށް މާފަށް އެދޭކަމަށެވެ.