ވޭޕް އޮއިލްގެ ނަމުގައި ރާއްޖެ އެތެރެ ކުރި މަސްތުވާތަކެތީގެ ޝިޕްމެންޓެއް މޯލްޑިވްސް ކަސްޓަމްސް އިން އަތުލައިގެންފިއެވެ.
މިކަމާ ގުޅިގެން ހޯމް މިނިސްޓަރު އަލީ އިހްސާން އެކްސްގައި ރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ވޭޕް އޮއިލް ނަމުގައި ރާއްޖެ އެތެރެކުރި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނެބިސް އަޅާފައިވާ ޝިޕްމަންޓެއް ކަސްޓަމުން ހިފަހައްޓާފައިވާ ކަމަށެވެ.
މިމައްސަލަ އާއި ގުޅޭ އިތުރު މައުލޫމާތެއް ކަސްޓަމްސް އިން އަދި ހާމައެއް ނުކުރެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވަނީ ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ރާއްޖެއަށް އެތެރުކުރުން 15 ނޮވެމްބަރު 2024 އިން ފެށިގެން މަނާކުރުމަށް ނިންމާފައިވާ ކަމަށް ވިދާޅުވެފައެވެ.
ރައީސް ވިދާޅުވީ ރާއްޖޭގައި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، ރާއްޖޭގައި އެތަކެތި އިޝްތިހާރު ކުރުމާއި ހިލޭބެހުން 15 ޑިސެމްބަރ 2024 އިން ފެށިގެން މަނާކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަންގަވާފައިވާ ކަމަށެވެ.

