ސަރުކާރުގެ ބަޖެޓުން މަހަކު ފަސް މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ގޮތަށް ސިޔާސީ މަގާމުތައް މަދު ކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.
މިކަން ހާމަކުރައްވައި ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސްޓޭޓް މިނިސްޓަރުން ހިމެނޭ ގޮތަށް 228 ސިޔާސީ މަގާމު އުވައިލަން ސަރުކާރުން ނިންމަވައިފައިވާ ކަމަށެވެ.
މި މަގާމުތައް އުވައިލަނީ، ކުރިއަށް އޮތް 15 ދުވަސް ތެރޭގައި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މަދު ކުރާނެ މަގާމުތައް:
07 ސްޓޭޓް މިނިސްޓަރުން
43 ޑެޕިއުޓީ މިނިސްޓަރުން
109 ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރުން
69 ޕޮލިޓިކަލް ޑިރެކްޓަރުން
ރައީސް މުއިއްޒު ވިދާޅުވީ، މި މަގާމުތައް މަދު ކުރެވުމުން، ސަރުކާރުގެ ބަޖެޓުން މަހަކު 5.714 މިލިއަން ރުފިޔާ ސަލާމަތް ކުރެވިގެންދާނެ ކަމަށެވެ.
ރާއްޖޭގެ އިގްތިސާދީ ހާލަތު ދަށްވުމާ ގުޅިގެން އިގްތިސާދީ ކުރިއެރުން ހޯދުމަށް ސަރުކާރުން ގެންދަވަނީ އެކި ފިޔަވަޅުތައް އަޅުއްވަމުންނެވެ.
އެގޮތުން ދާދި ފަހުން ވަނީ، އެއާޕޯޓް ޓެކްސް އާއި، ޓީޖީއެސްޓީ އަދި ގްރީން ޓެކްސް ބޮޑު ކުރަން ނިންމަވައިފައެވެ. މި ޓެކްސްތައް ބޮޑު ކުރުމުން އާއްމު ރައްޔިތުންނަށް އަސަރެއް ނުކުރާނެކަން ފާހަގަކޮށްލެވެ.

