ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން 7000 ސިޔާސީ ވަޒީފާ ދިން ކަމަށް ބުނެ، އޮންލައިން ނޫހަކުން ފެތުރީ ”ބުހުތާނު ދޮގު“ ޚަބަރެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
“އަދަދު“ގައި ޝާއިއުކޮށްފައިވާ ޚަބަރެއްގެ ސްކްރީންޝޮޓެއް ހިއްސާ ކުރައްވައި ހީނާ ވިދާޅުވީ މިއީ ބުހުތާނު ދޮގު ޚަބަރެެއް ކަމަށެވެ.
”ހިޔާލަށް އަންނަހާ ވާހަކައެއް އެއްވެސް ހަގީގަތެއް ބަލައިލުމެއް ނެތި ފެތުރުމަކީ ޒިންމާދާރު ނޫސްވެރިކަމެއް ނޫން. ހަމައެކަނި ސަރުކާރު ކުންފުނިތަކަށް ބެލި ނަމަވެސް 2023 ވަނަ އަހަރުގެ ފަހު ކުއާޓަރއަށް ވުރެ 2024 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރގައި ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ ޢަދަދުން 1000 އަށްވުރެ ގިނަ މުވައްޒަފުން މަދުވެފައިވާކަން ޕީސީބީއިން ހާމަކޮށްފައިވާ ހިސާބުތަކުން އެނގޭ.“ ހީނާ ވިދާޅުވިއެވެ.
މިފަދަ ދޮގު ޚަބަރު ލިޔަނީ، ސަރުކާރުގެ ޚަރަދުތައް ކުޑަކުރެއްވުމަށާ، މިދިޔަ ފަސް އަހަރު ގައުމު ވައްޓާލާފައި އޮތް ދަރަނީގެ އަނދަވަޅުން ގައުމު ސަލާމަތްކުރައްވަން ރައީސުލްޖުމްހޫރިއްޔާ ކުރައްވާ މަސައްކަތްޕުޅު ދިވެހި ރައްޔިތުން ބަލައިގަންނާތީ، ކަމުގެ ހަގީގަތް އޮޅުވާލަން ކަމަށް ވެސް ހީނާ ވިދާޅުވިއެވެ.
އަދަދު ނޫހުން މިފަދަ ޚަބަރެއް ފެތުރިއިރު، ސަރުކާރުގެ ބަޖެޓުން މަހަކު ފަސް މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ގޮތަށް ސިޔާސީ މަގާމުތައް މަދު ކުރަން ރައީީސް މުއިއްޒު ވަނީ ނިންމަވައިފައެވެ.
މިކަން ހާމަކުރައްވައި ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސްޓޭޓް މިނިސްޓަރުން ހިމެނޭ ގޮތަށް 228 ސިޔާސީ މަގާމު އުވައިލަން ސަރުކާރުން ނިންމަވައިފައިވާ ކަމަށެވެ.
މި މަގާމުތައް އުވައިލަނީ، ކުރިއަށް އޮތް 15 ދުވަސް ތެރޭގައި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މަދު ކުރާނެ މަގާމުތައް:
07 ސްޓޭޓް މިނިސްޓަރުން
43 ޑެޕިއުޓީ މިނިސްޓަރުން
109 ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރުން
69 ޕޮލިޓިކަލް ޑިރެކްޓަރުން
ރައީސް މުއިއްޒު ވިދާޅުވީ، މި މަގާމުތައް މަދު ކުރެވުމުން، ސަރުކާރުގެ ބަޖެޓުން މަހަކު 5.714 މިލިއަން ރުފިޔާ ސަލާމަތް ކުރެވިގެންދާނެ ކަމަށެވެ.

