ދިވެހި ސަރުކާރުން ވޭޕް މަނާ ކުރަން ނިންމި ނިންމުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔޫއެޗްއޯ) އިން މަރުހަބާ ކިޔައިފިއެވެ.

ޑަބްލިއުއެޗްއޯގެ ދެކުނު އޭޝިއާއަށް ނިސްބަތްވާ އެކްސް އެކައުންޓުން ކޮށްފައިވާ ޕޯސްޓުގައި، ދިވެހި ޒުވާނުން ވޭޕް ބޭނުން ކުރާ މިންވަރު ކަންބޮޑުވާ ދަރަޖައަކަށް އިތުރުވަމުން ކަމަށް ބުނެފައިވެއެވެ.

ވޭޕް މަނާ ކުރަން ނިންމި ނިންމުމަށް ފުރިހަމައަށް ތާއީދުކޮށް މަރުހަބާ ކިޔާ ކަމަށް ވެސް ބުނެފައިވެއެވެ.

ހޯމަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ރާއްޖޭގައި ވޭޕް ކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކި ވަކި ބައިތައް ރާއްޖެއަށް އެތެރެ ކުރުން ނޮވެމްބަރުމަހުގެ 15 ވަނަ ދުވަހުގައި މަނާކޮށް، އެތަކެތި ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، އިސްތިހާރު ކުރުމުގެ އިތުރުން ހިލޭ ބެހުން ޑިސެމްބަރު 15، އިން ފެށިގެން މަނާ ކުރަން ނިންމަވައިފައިވާކަން އިއުލާނު ކުރައްވައިފައެވެ.

ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ގާނޫނާއި އެކްސްޕޯޓް އިމްޕޯޓު ގާނޫނު އިސްލާހު ކޮށްގެން ރާއްޖޭގައި އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕު ކުރުމަށް ބޭނުންކުރާ އާލާތްތަކާއި އޭގެ ބައިތައް ބޭނުން ކުރާ މީހުން 5000 ރުފިޔާ އިން ޖޫރިމަނާ ކުރުމާއި އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕު ކުރުމަށް ބޭނުންކުރާ އާލާތްތަކާއި އޭގެ ބައިތައް ވިއްކައިފި މީހަކު ނުވަތަ ހިލޭ ބަހައިފި މީހަކު، އެ ވިއްކި ނުވަތަ ބެހި ކޮންމެ ސްޓިކެއް ނުވަތަ އައިޓަމަކަށް 20،000 ރުފިޔާ އިން ޖޫރިމަނާ ކުރަން ބިލެއް ވަނީ ޑްރާފްޓް ކޮށްފައެވެ.

އަދި ކުޑަ ކުއްޖަކަށް އެފަދަ އެއްޗެއް ވިއްކައިފި ނަމަ 50،000 ރުފިޔާ އިން ޖޫރިމަނާކުރަން ޑްރާފްޓު ބިލްގައި ހިމަނާފައިވެއެވެ.

ރާއްޖޭގައި ވޭޕް މަނާ ކުރުމަށް ނިންމި ނިންމުމަށް ގިނަ ބަޔަކު ދަނީ ތައުރީފު ކުރަމުންނެވެ.