މާލެ ސިޓީ ކައުންސިލުން ކުނި ނަގާނަމަ، މާ ރަނގަޅަށް އެކަން ކުރެވޭނެ ކަމަށް ވިލިމާލޭގެ ކައުންސިލަރު ނަހުލާ އަލީ ވިދާޅުވެއްޖެއެވެ.
ނަހުލާ މިހެން ވިދާޅުވެފައިވަނީ މާލެ ސިޓީ ކައުންސިލުގެ މިހިނގާ ދައުރުގެ 66 ވަނަ ރަސްމީ އާންމު ޖަލްސާގައި ވާހަކަ ދަައްކަވަމުންނެވެ.
މާލެ އާއި ވިލިމާލެ ސާފުކޮށް ކުނި ނެގުމަށް މާލެ ސިޓީ ކައުންސިލާއި ވެމްކޯއާ ދެމެދު ހަދާފައިވާ އެއްބަސްވުން އާ ނުކުރަން ނިންމާ ކުނި ނެގުން ސިޓީ ކައުންސިލުން ކުރިއަށް ގެންދަން އެ ކައުންސިލުން އިއްޔެ ވަނީ ފާސްކޮށްފައެވެ.
ސިޓީ ކައުންސިލާ ވެމްކޯއާ ދެމެކު ކުންޏާ ބެހޭ އެއްބަސްވުން އެކުލަވާލާފައިވަނީ 26 ޑިސެމްބަރު 2019 އިން ފެށިގެން މިއަހަރުގެ ޑިސެމްބަރުމަހުގެ 26 ވަނަ ދުވަހަށެވެ.
ސިޓީ ކައުންސިލުން އިއްޔެ ބޭއްވި ބައްދަލުވުމުގައި އެއްބަސްވުމުގެ މުއްދަތު ހަމަވުމުން ދެން އަމަލު ކުރާނެ ގޮތަކާމެދު ކައުންސިލަރުން ވަނީ މަޝްވަރާ ކުރައްވާފައެވެ.
ނަހުލާ ވިދާޅުވީ ވެމްކޯއާއެކު ވެފައިވާ އެއްބަސްވުމުގެ މުއްދަތު ހަަމަވުމުން، ދެން އިތުރަށް މުއްދަތު އިތުރު ކުރަން ތާއީދު ނުކުރައްވާ ކަމަށެވެ.
ވެމްކޯއާއެކު ވެފައިވާ އެއްބަސްވުމުގައިވާ ގޮތުން، މާލެއާއި ވިލިމާލޭގެ މަގުތަކާއި އާންމު ތަންތަނަށް އަޅާފައި ހުންނަ ކުންޏާއި ހުރިހާ ބާވަތެއްގެ ކުނި ކަހާ ސާފުކޮށް، ކުނި ނައްތާލުމަކީ އެކުންފުނީގެ ޒިންމާއެއްް ކަމަށެވެ.
”އަޅުގަނޑު ދައްކާނީ ވިލިމާލޭގެ ވާހަކަ. ވިލިމާލޭގެ އެތަން މިތަނުގައި ކުނި ހުރޭ. ފުނި ފުނި ޖަހާފައި(ހުރޭ) ސިޓީ ކައުންސިލުން ކުރަން ޖެހޭ ކަމެއް ނޫން، މި އެއްބަސްވުމުގައި ބުނާގޮތުން ވިއްޔާ. އެއްބަސްވުމުގައި އެބައޮވޭ، ވިލިމާލޭގެ ޕާކުތަކާ މައިޒާންތަކާއި، ގުޅިފައިވާ މަގުތަކާ ގޯޅިތަކާ ހިމެނޭ ގޮތަށް، މި އެގްރީމަންޓްގައިވާ ގޮތުން ނަމަ، ވިލިމާލޭގެ ހުރިހާ މަގުތަކެއް ކުނި ކަހާ ސާފު ކުރަން(މި އެއްބަސްވުމުގައި) ހިމެނޭ.“
ނަހުލާ އިތުރަށް ވިދާޅުވީ ސިޓީ ކައުންސިލުން ކުނި ނަގާނަމަ، ހަރަދުވެސް ކުޑަ ވާނެ ކަމަށެވެ.
މާލެ އާއި ވިލިމާލެ ސާފުކޮށް ކުނި ނެގުމުގެ މަސައްކަތުގައި ވެމްކޯ އިން 180 މުވައްޒިފުން ގެންގުޅެއެވެ. އޭގެތެރެއިން 150 މުވައްޒިފުންނަކީ މާލެ އިން ކުނި ނެގުމުގެ މަސައްކަތުގައި ހަރަކާތެރިވާ މުވައްޒިފުންނެވެ. 30 މުވައްޒިފުން ކުނި ނަގަނީ ވިލިމާލޭގައެވެ.

އެއަކަމެއް ނުވިޔަސް މޭކަޕް ޚަރަދު ހަމަޖައްސާލެވޭ ވަރުގެ ލާަރިކޮޅެއް އިތުރަށް ބަނޑު އަޅާލެވޭނެ . ދޮގެއް؟