ސަރުކާރުގެ ކޯލިޝަން ބައިވެރިޔާ، ޕީޕީއެމް އުވާލުމަށް މަޝްވަރާ ނުކުރާ ކަމަށް އެ ޕާޓީން ބުނެފިއެވެ.

އެ ޕާޓީން މިއަދު، އެކަން ސާފުކޮށްދިނީ ރައީސުލްޖުމްހޫރިއްޔާ އަދި ޕީއެންސީގެ ރައީސް ޑރ. މުހައްމަދު މުއިއްޒާއި ރައްޔިތުންގެ މަޖިލިހުގެ ރައީސް، ޕީއެންސީގެ ޗެއާޕާސާން އަބްދުއްރަހީމް ޕީޕީއެމް އުވާލުމަށް ނިންމަވާފައިވާ ކަމަށް ބުނެ ބައެއް މީޑިއާތަކުން ޚަބަރު ފަތުރަމުންދާ ދަނޑިވަޅެއްގައެވެ.
މި ވާހަކަތައް ދޮގޮކޮށް، އެ ޕާޓީން ބުނީ އެފަދަ މަޝްވަރާއެއް މިއަދުގެ ބައްދަލުވުމުގައި ނުކުރާ ކަމަށެވެ.

ޕީޕީއެމްގެ ސެނެޓުގައި ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫނު އާއި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމާއި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީނާއި ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް އާއި ފޮރިން މިނިސްޓަރު ހަލީލް ހިމެނިވަޑައިގަންނަވައެވެ.

އަދި ދަރުމަވަންތަ ހޮސްޕިޓަލުގެ ސީއީއޯ އަބްދުއްރައްޒާގް ހަލީމާއި ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް ވެސް ހިމެނިވަޑައިގަންނަވައެވެ.

މިއަދުގެ ބައްދަލުވުމުގައި ޕީޕީއެމްގެ ނައިބު ރައީސަކަށް ހަލީލް އަދި ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ހަލީމް ވަނީ ހަމަޖައްސައިފައެވެ.