އާޓިފިޝަލް އިންޓެލިޖަންސްގެ ފަންނިއްޔާތު މެދުވެރިކޮށް އިގްތިސާދީ ފައިދާ އެންމެ ފުރިހަމަ ގޮތުގައި ރާއްޖެއަށް ހޯދޭނެ ގޮތްތަކާއި، އެކަމުގެ ސަބަބުން ދިމާވެދާނެ ނުރައްކާތެރި ހާލަތްތަކުން ސަލާމަތްވާނެ ގޮތްތަކާއި، އެ ޓެކްނޯލޮޖީގެ ބޭނުން ހިފުމުގައި ދިވެހިރާއްޖޭގައި އަމަލުކުރާނެ ގާނޫނީ ފްރޭމްވަރކެއް ހިމެނޭ ގޮތަށް އަދި މިފަދަ ކަންކަމުގައި ސަރަހައްދީ ގައުމުތަކުން އަމަލުކުރަމުންދާ ގޮތްތައްވެސް ބައްލަވައި މާސްޓަރޕްލޭނެއް އެކުލަވައިލެއްވުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.
ރައީސް މިގޮތަށް ނިންމެވީ މި ހިނގާ އޮކްޓޫބަރު 16 ވީ ބުދަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މަޝްވަރާކުރެއްވުމަށް ފަހުގައެވެ.
ވަޒީރުންގެ މަޖިލީހުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އާޓިފިޝަލް އިންޓެލިޖަންސްގެ ފަންނިއްޔާތާ ގުޅޭ މާސްޓަރޕްލޭނެއް އެކުލަވައިލެއްވުމަށްފަހު، މިކަމާ ގުޅޭ ކަރުދާސްތައް، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީއާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑުން ވަޒީރުންގެ މަޖިލީހަށް ހުށަހެޅުއްވުމަށް ކަނޑައަޅުއްވާފައެވެ.

