ފަލަސްތީނުގެ ޣައްޒާގެ އުތުރުގައި އޮންނަ ޖަބާލިޔާ ރެފިއުޖީ ކޭމްޕަށް ޔަހޫދީން ދިން ހަމަލާއެއްގައި 33 ފަލަސްތީނު މީހުން ޝަހީދުވެއްޖެއެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި، ޔަހޫދީންގެ މި ހަމަލާތަކުގައި 80 އަށްވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ. އަލް-އަވްދާ ހޮސްޕިޓަލުގެ އެކްޓިންގ ޑިރެކްޓަރ ޑރ. މުހައްމަދު ސަލްހާާ ވިދާޅުވި ގޮތުގައި އިޒްރާއީލުން ރޭ ދިން ހަމަލާގައި ޒަހަމްވި މީހުންގެތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިން ކަމުގައެވެ.

އިޒްރޭލުން މި މި ހަމަލާ ދީފައިވަނީ ޔަހޫދީ ސިފައިން އެ ސަރަހައްދު ވަށައިލައިގެން ތިބިތާ ދެ ހަފްތާއަށްވުރެ ގިނަ ދުވަސް ފާއިތުވެގެންދިޔަ ފަހުންނެވެ.

ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދު ކުރާ ހަމާސްގެ އިސް ލީޑަރު ޔަހްޔާ ސިންވާރު ޝަހީދުކޮށްލައިފައިވާއިރު އިޒްރާއީލުން ދަނީ ހުއްޓުމެއް ނެތި ޣައްޒާ އަށް ހަމަލާތައް ދެމުންނެވެ.

ޣައްޒާގެ މެދުތެރޭގައިވާ ރެފިއުޖީ ކޭމްޕަކަށް ވެސް ޔަހޫދީން ވަނީ ހަމަލާ ދީފައެވެ. އެ ހަމަލާގައި ފަލަސްތީނުގެ 11 މީހުން ޝަހީދުކޮށްލާފައިވާ ކަމަށް ވަފާ ނިއުސް އެޖެންސީން ބުނެއެވެ.