ފަތުރުވެރިކަމުގެ ސިނާއަތުން ރާއްޖެއަށް އެތެރެވާ ބޭރު ފައިސާގެ ތެރެއިން މަރުކަޒީ ބޭންކަށް ލިބެނީ އެންމެ 23 އިންސައްތަ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.
މުނައްވަރު މިގޮތަށް ވިދާޅުވީ ގައުމީ ޔުނިވަރސިޓީގެ ދަރިވަރުންނަށް އަމާޒުކޮށް އެމްއެމްއޭގެ ފަރާތުން ބޭއްވި ޕެނަލް ޑިސްކަޝަނެއްގައި ވާހަކަ ދައްކަވަމުންނެވެ.
މުނައްވަރު ވިދާޅުވީ، ފަތުރުވެރިކަމުގެ ދާއިރާ އިން ރާއްޖެއަށް އަހަރެއްގެ މައްޗަށް 4.5 ބިލިޔަން ޑޮލަރު ވަންނައިރު ޓެކްސްއާއި އެހެނިހެން ގޮތްގޮތުން މަރުކަޒީ ބޭންކާއި ހަމައަށް ލިބެނީ އެންމެ 23 އިންސައްތަ ކަމަށެވެ.
އަދި ބޭންކިން ސިސްޓަމުން ބޭރުން މާރުކުރާ އަދަދު މަދުކުރެވިއްޖެނަމަ ދިވެހި ރުފިޔާއަށް އޮންނަ ޑިމާންޑު އިތުރުވެގެންދާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
މިދިޔަ އަހަރު ޓޫރިޒަމް އިންޑަސްޓްރީއަށް 2.3 ބިލިޔަން ޑޮލަރު ވަދެފައިވީނަމަވެސް އޭގެ ތެރެއިން ބޭންކަށް މާރުކޮށްފައިވަނީ އެންމެ 10 އިންސައްތަ ޑޮލަރުކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ އާންމުކޮށް ބޭންކަށް މާރުކުރަނީ އެ ދާއިރާއިން ރާއްޖެ އެތެރެވާ ޑޮލަރުގެ 5 އިންސަތަ ކަމަށެވެ.
މުނައްވަރު ވިދާޅުވި ގޮތުގައި ބޭންކިން ނިޒާމު ކުރިއަރާނީ ކޮންމެވެސް ވަރަކަށް ބޭންކަށް ޑޮލަރު މާރުކުރެވިގެންނެވެ.

