ކުރީ ސަރުކާރުން މަޝްރޫއުތައް ހިންގަން ބޭރުން ދިން ފައިސާގެ ތެރެއިން ދެ ބިލިއަނެއްހާ ރުފިޔާ ނިމުނު އަހަރު ރެކޯޑުކޮށްފައި ނެތް މައްސަލަ ފެންމަތިވެއްޖެއެވެ.
މިކަމާ ގުޅޭގޮތުން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ، އެކަމުގައި އިހުމާލުވާ މީހުންނާ ދެކޮޅަށް މައްސަލަތައް ބަލައި ފިޔަވަޅު އެޅުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އަހަރު ދެބައިވިއިރު ހަރަދުތަކުގައި ބޮޑެތި ފަރަގުތަކެއް ހުރިކަން ފާހަގަކުރެވިގެން، ކޮންމެ ހަފުތާއަކު ފިނޭންސް މިނިސްޓްރީން ގަވާއިދުން ނެރެމުންދިޔަ ރިޕޯޓު، މިދިޔަ ޖޫން މަހުން ފެށިގެން ނެރުން މަޑުޖައްސާލީ އޭރު ފިނޭންސް މިނިސްޓަރަކަށް ހުންނެވި މުހައްމަދު ޝަފީގު ކަމަށެވެ.
އެގޮތުން 2023 ވަނަ އަހަރުގެ ތެރޭގައި ބޭރުގެ އެހީގެ ދަށުން ދޮޅު ބިލިއަނާއި ދެ ބިލިއަން ރުފިޔާއާ ކައިރި ކުރާ އަދަދެއް މި އަހަރުގެ ތެރޭގައި ރެކޯޑްކޮށްފައިވާކަން ފާހަގަކުރެވުނު ކަމަށް ޒަމީރު ވިދާޅުވިއެވެ.
މިނިސްޓަރު ވަނީ އެކަމުގެ ސަބަބުން މިދިޔަ އަހަރާއި އޭގެ ކުރި އަހަރުތަކުގައި ޕޯސްޓްކުރަން އެދިފައިވާ ޖުމްލަ 2.5 ބިލިއަން ރުފިޔާގެ ބިލުތަކަށް މި އަހަރުގެ ބަޖެޓުން ޖާގަ ދޭން ޖެހިފައިވާ ކަމަށް ވެސް ވިދާޅުވެފައެވެ.
އޭގެއިތުރުން ވެސް މިފަދަ ބިލުތައް އެކި މިނިސްޓްރީތަކުގެ ހުރުން އެކަށީގެންވާ ކަމަށް ޒަމީރު ވިދާޅުވިއެވެ.
މަޝްރޫއުތަކަށް ކުދި އަދަދުތަކުން ފައިސާ ޖެހުމަށްފަހު، އެޑްވާންސް ޕޭމެންޓު ދިނުމަށްފަހު ބަޖެޓުގައި ނެތް ޖާގައަކުން އެ ހަރަދުތައް ހަމަޖައްސަން މަޖުބޫރުވާނެ ގޮތަށް ކުރީ ސަރުކާރުން މާލީ ހިސާބުތައް ބެލެހެއްޓުމަކީ ހެދި ގޯހެއް ކަމަށް ވެސް ޒަމީރު ވިދާޅުވިއެވެ.
މިނިސްޓަރު ވަނީ މިކަމާ ގުޅޭގޮތުން ކުރިއަށް ދާނެ ގޮތުގެ ލަފައަކަށް އޮޑިޓަރ ޖެނެރަލް އަރިހުގައި ލިޔުމުން އެދިފައިވާނެ ކަމަށް ވިދާޅުވެފައެވެ.
އެގޮތުން މިއަދު ނޫނީ މާދަމާ އޮޑިޓާ ޖެނެރަލްގެ ބަހެއް މިކަމުގައި ލިބޭނެ ކަމަށް ޒަމީރު ވިދާޅުވިއެވެ.

