ގދ. ނަޑެއްލާގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ތިން މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ނަޑެއްލާ ޖެޓީ މަގުން ބާރު ސްޕީޑުގައި ދުއްވި ސައިކަލެއް ކޮންޓްރޯލް ނުވެ ގޮސް ވަކަރުތަކެއް ބަރުކުރަން މަޑުކޮށްފައި އޮތް ރަށު ޕިކަޕެއް ކައިރީގައި ހުރި މީހެއްގެ ގައިގައި ޖެހިފައިވާ ކަމަށް ރޭ 12:05 ހާއިރު ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އެކްސިޑެންޓްގައި ސައިކަލުގައި ތިބި ދެ މީހުންނާއި ޕިކަޕް ކައިރީގައި ހުރި މީހާއަށް އަނިޔާވެފައިވާ ކަމަށް ވެސް ފުލުހުން މައުލޫމާތު ދިނެވެ.
އަނިޔާވި މީހުންނަށް ފަރުވާ ދިނުމަށް ތިނަދޫ ޑރ. އަބްދުލް ސަމަދް މެމޯރިއަލް ހޮސްޕިޓަލަށް ގެންދިޔަ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ފުލުހުން ބުނީ ސައިކަލުގައި ތިބީ 18 އަހަރުގެ ދެ ފިރިހެނުން ކަމަށާއި ފިކަޕް ކައިރީގައި ހުރީ 47 އަހަރުގެ ފިރިހެނެއް ކަމަށެވެ.

އޮފިޝަލު ވިދާޅުވީ ސައިކަލު ދުއްވި މީހާ އާއި ޕިކަޕް ކައިރީގައި ހުރި މީހާ މާލެ ގެނެސް އޭޑީކޭގައި ފަރުވާދެމުންދާ ކަމަށެވެ.